ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބަންގްލަދޭޝަށް ކުރައްވާ ދަތުރުފުޅުގައި، ޑާކާގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ނޭޝަނަލް މާޓއަރޒް މެމޯރިއަލަކީ ބަންގްލަދޭޝަށް މިނިވަންކަން ހޯދައިދީ އެޤައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، ރައީސް ސޯލިޙު ވަނީ ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި މާފަތި ބޭއްވުމަށް ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން، އެތަނުގައި ގަހެއް އިންދަވައިދެއްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ލިޔުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި، މި ދާރުލްއާސާރުގައި ހިމެނޭ ބަނގްލަދޭޝްގެ ތާރީޚާއި ގުޅޭ މުހިއްމު ތަންތަން ބައްލަވާލައްވާފައިވެއެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެޤައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރެއްވި ބަންގަބަންދު ޝެއިޚް މުޖީބުއް-ރަހްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާޡާރަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާސާރަށް ނަން ދެވިގެންދިޔައެވެ. މި ދާރުލްއާސާރު ޚާއްސަކުރެވިފައިވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަންކަމަށާއި ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށެވެ.

ބަންގަބަންދު ޝެއިޚް މުޖީބުއް-ރަހްޚްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި މިރޭ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން