އިންޑިއާއިން އުތުރު ތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓް ފޮނުވާފައިވަނީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް އިޤްތިޞާދީގޮތުން ވަރަށް ދަތިވެފައި އޮތް ދުވަސްތަކެއްގައިކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހި ނެޝަނަލް އެކްޝަންގެ ނަމުގައި ހަރަކާތެއް ފަށައިގެން އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވަނީ ޔޫޓީއެފް އެއްބަސްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަށްވައި ވާހަކަފުޅުދައްކަވާފައެވެ.

އާއްމުންނަށް އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް ލީކްކޮށްލިކަމަށް އަމިއްލައަށް އިއުތިރާފްވެވަޑައިގެންފައިވާ އުމަރު ނަސީރު ވިދާޅުވީ، އިންޑިއާއިން އެ އެގްރިމެންޓު ފޮނުވި ދުވަސްވަރަކީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް އަޑިއަޅާލައި، ބަޖެޓްގެ ތާށިކަން ބޮޑުވެފައިވާ ދުވަސްވަރެއްކަމަށެވެ.

އުމަރު ވިދާޅުވީ އެފަދަ ދަތިދުވަސްވަރެއްގައި އިންޑިއާއިން މިއެގްރިމަންޓް ފޮނުވީ، ދިވެހި ސަރުކާރުން އެގްރިމަންޓްގައި ސޮއިކުރާނެކަމަށް ބަލައިގެންކަމަށެވެ.



"އެވަގުތުގައި ހަގީގަތުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް މި އެއްބަސްވުން ފޮނުވީ. އެމީހުން އުއްމީދުކުރީ އެކަހަލަ އުނދަގޫ ވަގުތެއްގައި ދިވެހި ސަރުކާރަށް މީތި ފޮނުވީމަ ދިވެހި ސަރުކާރުން މީތި ގަބޫލުކޮށް މީތީގައި ސޮއިކުރާނެ ކަމަށް، އެއީ އެމީހުންގެ ބޭނުމަކީ. އެހެންވެ އަޅުގަނޑުމެންނަށް މިހާ ދަތިވެފައި އޮތް ވަގުތެއްގައި މީތި ފޮނުވީ." އުމަރު ވިދާޅުވިއެވެ.

އުމަރު ދެއްކެވި ވާހަކައިގައި ޔޫޓީއެފް އެގްރިމެންޓަކީ ސިވިލް އެގްރިމެންޓަކަށް ވާނަމަ، އެ އެއްބަސްވުން ރައްޔިތުންނަށް ހާމަ ކުރުމަށް ގޮވާލެއްވިއެވެ. އަދި އެ އެއްބަސްވުމަކީ މިލިޓަރީ އެއްބަސްވުމެއް ނަމަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައި މަޖިލީހުގެ ރުހުން ހޯދަން އުމަރު ގޮވާލެއްވިއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދިޔަނަމަވެސް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަނީ ލީކުވެގެން އުޅެނީ އަސްލެއް ނެތް އެގްރިމަންޓެއްކަމަށެވެ. އަދި ޔޫޓީއެފް އެގްރިމަންޓް އެކުލަވާލާފައި ވަނީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ، ރާއްޖޭގެ ބާރު ހިނގާގޮތަށްކަމަށް ސަރުކާރުން ބުނެއެވެ. ގައުމީ ދިފާޢީ ބާރުން އިއްޔެ ވަނީ ޔޫޓީއެފް އެގްރީމެންޓާއި ބެހޭގޮތުން ދޮގު ވާހަކަ ފަތުރާ މީޑިއާތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ގައުމީ ދިފާޢީ ބާރުން އިއްޔެ ބުނީ ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާ ފަދަ އެއްވެސް މާއްދާއެއް ޔޫޓީއެފް އެއްބަސްވުމުގައި ނުހިމެނޭނެ ކަމަށެވެ. އަދި އެތަނަކީ ދިވެހި ސިފައިންގެ ފުރިހަމަ ބާރު ހިނގާ ދިވެހި ސިފައިން ބަލައްޓާ ތަނެއް ކަމަށް ވެސް ގައުމީ ދިފާޢީ ބާރުން ބުނެފައި ވެއެވެ. އެތަނުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބޭ ވާހަކައާއި އިންޑިއާ ސިފައިންގެ ހުއްދަ ނުހޯދައި އެތަނުގެ ބޭނުން އެހެން ބަޔަކަށް ނުކުރެވޭ ކަމަށް ބުނެ ފަތުރާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވެސް ދިފާޢީ ބާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން