ޚާއްސަ ހާލަތްތަކުގައި ކޯވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ދެމުން އަންނަކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

އެޗްއީއޯސީން މިކަން ހާމަކޮށްފައި މިވަނީ ބައެއް ފަރާތްތަކަށް ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެމުން އަންނަކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެޗްއީއޯސީން ބުނީ ރަސްމީކޮށް ދެވަނަ ޑޯޒް ދޭން އަދި ފަށާފައިނުވާކަމަށެވެ. ނަމަވެސް ޚާއްސަ ހާލަތްތަކާއި، ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދަތުރުކުރާ މީހުންގެ ތެރެއިން އަށް ވަނަ ހަފްތާއަށް އެނބުރި ނާދެވޭ މީހުންނަށް ދެވަނަ ޑޯޒް ދެމުން އަންނަކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. އެޗްއީއޯސީން ބުނީ ދެވަނަ ޑޯޒް ދެމުން އަންނަނީ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުންކަމަށެވެ.

ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފެށިއިރު، މިދިޔަ ހޯމަ ދުވަހު ވަނީ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލާފައެވެ. އަދި ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުންކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއިން މިހާތަނަށް 2 ލައްކަ 14 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން