މާލެއަތޮޅު ގިރިފުށީގައި ހުންނަ ސިފައިންގެ އަސްކަރީ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރުމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ގިރިފުށީގައި ސިފައިން ހަތިޔާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ ތަމްރީންތަކުގައި އެކި ހާދިސާތައް ކުރިމަތިވާތީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މަޖިލީހަށް ހުށަހެޅުއްވި މިމައްސަލަ ބެއްލެވި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓަށް ނެގުނު ވޯޓުގައެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ 2019ވަނަ އަހަރު ކ. ހިންމަފުށީގެ ހުޅަނގު ފަރާތުގައި އޮތް ސަފާރީއެއްގައި ހުރި އުމުރުން 41 އަހަރުގެ ޖަރުމަންވިލާތުގެ ފަތުރުވެރިއެއްގެ ކަރަށް ގިރިފުށިން ދޫކޮށްލި ވަޒަނެއް އަރާފައިވާކަމަށެވެ. އަދި އޭގެކުރިންވެސް އެފަދަ ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހިންމަފުށީގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި އަސްކަރީ ތަމްރީންތައް ހިންގުން ގިރިފުށި ނޫންތަނަކަށް ބަދަލު ކޮށްދޭން އެމައްސަލާގައި ވަނީ އެދިފައެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ ކޮމިޓީގެ އެދުމުގެ މަތިން ގިރިފުށީގައި ބޭނުންކުރާ ފަޔަރިންގ ރޭންޖަށް ބަދަލުތަކެއް ގެނެސް އިތުރު ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އެހެންކަމުން މިވަގުތު ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީން ބަދަލުކުރުމަށް ނުފެންނަކަމަށް ރިޕޯޓުގައިވެއެވެ. މިރިޕޯޓް ފާސްވީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން