ޝައިޚް މުޖީބުއް-ރަހްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ބަންގާބަންދު ޝައިޚް މުޖީބުއް-ރަޚްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން ރައީސްގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއް-ރަހްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ޙާޞިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ޝައިޚް މުޖީބުއް-ރަހްމާނު ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ބަންގްލަދޭޝް ސަރުކާރުން އެ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ބަންގްލަދޭޝް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ޤައުމުގެ އިޤުތިޞާދު ކުރިއަރާ ދުވެލި ހަލުވިވެފައިވާ ކަމަށާއި އެޤައުމުގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުން ޤައުމުގެ އިޤުތިޞާދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރާ، ވަރުގަދަ އިޤުތިޞާދެއް ބިނާކުރަމުންދާކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ ބަންގްލަދޭޝްގެ ސަރުކާރުން އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ބަންގްލަދޭޝް ސަރުކާރަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރަށްވާފައެވެ. ޚާއްޞަގޮތެއްގައި، "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބަންގްލަދޭޝްގެ އެއަރފޯސްގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. މި އެހީތެރިކަމަކީ ދިވެހިން ވަރަށް އުފަލާއެކު ބަލައިގަތް ކަމެއް ކަމަށް ވިދާޅުވެ މިކަމުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދު އަދި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތުދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން