އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި ރާއްޖޭގެ 16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް، ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް ޖުމްލަ 1.69 ބިލިއަން ރުފިޔާގެ މި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ އިންޑިއާގެ 4 ކުންފުންޏަކާއެވެ. މިއެއްބަސްވުންތަކާއެކު ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ މަޝްރޫޢު ނުފެށި ބާކީ އޮތީ 30 ރަށުގައި ކަމަށް ސަރުކާރުން ބުނެއެވެ.

އިންޑިޔާ އެގްޒިމް ބޭންކްގެ ލޯނުއެހީގައި ކުރިއަށްގެންދާ މިމަޝްރޫޢަކީ 2018 ވަނަ އަހަރު ރާއްޖެއާ އިންޑިއާއާ ދެމެދު ޤާއިމުކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށްގެންދާ ދެވަނަ މަޝްރޫޢެވެ.

މިގޮތުން، ހއ. ކެލާ، ހދ. ވައިކަރަދޫ، އަދި ށ. ޅައިމަގުގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި، ހއ. ބާރަށް، ށ. ފުނަދޫ، އަދި ނ. މަނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ވިޝްވަރާޖް އެންވަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. 20 މަސްދުވަހާއި 26 މަސްދުވަހާއި ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މި 6 ރަށުގެ މަސައްކަތަށް 18،489،229.90 ޑޮލަރު ހޭދަވެއެވެ.

އަދި، ޅ.ކުރެންދޫ، އަދި ކ. ކާށިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި، ކ. ގާފަރު އަދި އއ. މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި، އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރައިވެޓް ލިމިޓެޑާއެވެ. 20 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި 5 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 13،850،759.24 މިލިއަން ޑޮލަރު ހޭދަވެއެވެ.

މީގެއިތުރުން، އދ. ދަނގެތީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، އދ. ދިގުރަށް، ވ. ފުލިދޫ، ވ. ފެލިދޫ އަދި ވ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ޖޭ.އެމް.ސީ ޕްރައިވެޓް ލިމިޓެޑާއެވެ. 22 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި 5 ރަށުގެ މަސައްކަތަށް 14،098،417.64މިލިއަން ޑޮލަރު ހޭދަވެއެވެ.

މީގެއިތުރުން މ. ކޮޅުފުށި ފެނުގެ ނިޒާމުގެ މަސައްކަތާއި، މ. މަޑުއްވަރީގައި ފެނާ ނަރުދަމާގެ ވިއުގަ ޤާއިމުކުރުމާއި، މ. މުލި، ދ. މީދޫ އަދި ފ. ބިލެއްދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި، ފ. ދަރަނބޫދޫ، ދ. ބަނޑިދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްއެމްސީ އިންފްރާސްޓްރަކްޗަރއާއެވެ. 20 މަސްދުވަހާ 26 މަސްދުވަހާ ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި 7 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 21،259،831.59 މިލިއަން ޑޮލަރު ހޭދަވެއެވެ.

ތ. ހިރިލަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި، ލ. ގަމު ފެނުގެ ނިޒާމުގެ މަސައްކަތާއި، ލ. މާމެންދޫ، ލ. އިސްދޫ އަދި ކަލައިދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެސްއެމްސީ އިންފްރާސްޓްރަކްޗަރއާއެވެ. 20 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި ރަށްރަށުގެ މަސައްކަތަށް ޖުމްލަ 19،376،896.46މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވެއެވެ.

ގއ. ދާންދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ އަދި ގދ. މަޑަވެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާއި، ގދ. ފަރެސްމާތޮޑާ އަދި ގދ. ހޯޑެއްދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޓްރެވެނި އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާއެވެ. 20 މަސްދުވަހާއި 26 މަސްދުވަހާ ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި 6 ރަށުގެ މަސައްކަތަށް 22،801،199.56 މިލިއަން ޑޮލަރު ހޭދަވެއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ސަރވޭކުރުމާއި ކުރެހުން ތައްޔާރުކުރުމާއި ރަށުގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ އިތުރަށް ގޭގެއަށް ވިއުގަ އަޅައިދިނުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން