ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމާ ގުޅިގެންނާއި މި އަހަރަކީ ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރާ އަހަރުކަމަށްވާތީ އެޤައުމުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުވުމުގައި، ރައީސް ސޯލިޙާއި ބަންގްލަދޭޝަގް ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގައި އޮތް ގުޅުން ބަދަހިކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ގޮތުން ދެ ޤައުމުގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމަށާއި، ތަރައްޤީގެ ރޮނގުން އެކުގައި މަސައްކަތްކުރުމަށާއި، ހާއްސަ ގޮތެއްގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށާއި، ބައިނަލްއަޤުވާމީ މަޝްރަހުގައި އެކުގައި މަސައްކަތްކުރުމަށާއި، ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެއްވެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށްޓަކައި އުފާފުޅުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ފޮރިން މިނިސްޓަރ ވަނީ، ޞައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިސް ނަގައިގެން ހިންގާ ޕުރޮގުރާމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ރައީސް ޞާލިޙަކީ، މިފަދަ ދަތި ހާލަތެއްގައި ޤައުމެއްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ބަންގްލަދޭޝަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވި ފުރަތަމަ ބޭފުޅާކަން ފާހަގަކުރައްވާ، ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް ސޯލިޙު ކުރައްވާ އިތުބާރު ޔަގީންވާކަމަށް ވިދާޅުވެފައިވެއެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ރައްކާތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅެމުންދާ އެންމެހާ ރައްޔިތުނަށް، ބިދޭސީންވެސް ހިމެނޭގޮތައް، ހިލޭ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ދެމުންގެންދަވާނެ ވާހަކަފުޅު ވަނީ ތަކުރާރުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ އިންޓަރ ކޮންޓިނެންޓަލް ހޮޓަލުގައެވެ. މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން