ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން. (ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް)
ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން. (ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް)
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 142 މީހަކު ޕޮޒިޓިވްވެ 177 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 21،961 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،371 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 112 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 30 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 11 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 118 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 3،777 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 589،866 ސާމްޕަލް ނަގާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 177 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 19،519 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން އަތޮޅުތެރެއިން މިއަދު ޖުމްލަ 1،366 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މިވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ދިނުން ވަނީ މެދުކަނޑާލެވިފައެވެ. އަދި އަލުން މާލެ ސަރަހައްދުގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ދިނުން ކުރިއަށް ގެންދެވޭނީ ވަކި ހާއްސަ ކެޓެގަރީއެއްގައި ހިމެނޭ މީހުންނަށެވެ.

މިހާތަނަށް ޖުމްލަ 215،852 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން