އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް)
އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް)
ގައުމީ ބީލަމުގެ ނިޒާމު މެދުވެރިކޮށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު މިސަރުކާރުން ހަވާލުކުރި ކަމަށް ބުނާއިރު އެ މަޝްރޫޢުތަކުން ދިވެހީންނަށް ލިބުނު މަސައްކަތެއް އަދި ވަޒީފާއެއް ކޮބައިތޯ ވިދާޅުވެ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ސުވާލު އުފައްދަވައިފިއެވެ.

ރާއްޖޭގެ 12 އަތޮޅުގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢުތައް އިންޑިއާގެ ހަތަރު ކުންފުންޏަކާ ހަވާލު ކުރުމަށްފަހު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މި ސަރުކާރުން ނެޝަނަލް ޓެންޑަރ މެދުވެރިކޮށް މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ކުރީ ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫޢުތަކަށްވުރެ އެތައް ގުނަ އިތުރު އަދަދެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރުގެ މި ވާހަކައަށް އިޝާރާތް ކުރަށްވައި ސައިރިކްސް ކޮލެޖްގެ ވެރިޔާ އަދި އައްޑޫ ޑިވެލޮޕްމެންޓް ކޮމިޓީގެ ނައިބް ރައީސް އަހުމަދު ޝަރީފް ވަނީ މި މަޝްރޫޢުތަކުން ދިވެހީންނަށް ލިބުނީ ކޮން މަސައްކަތެއްތޯ އަދި ވަޒީފާ ނުލިބި ތިބި ފަރާތްތަކަށް ވަޒީފާ ލިބުނުތޯ ސުވާލު އުފައްދަވާފައެވެ.

"ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށިފަހުން ރަށްރަށުގައި 12 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގުނުއިރު ކައުންސިލް ތަކުގެ އެއްވެސް ދައުރެއް އޮތްތޯ؟ ވަޒީފާނެތި ތިބި ޒުވާނުންނަށް ފުރުސަތު ލިބުނުތޯ؟" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މި މަޝްރޫޢު ތަކުގެ ކަންކަން ވެސް ނިންމާލީ ކުރިންވެސް ކަންކަން ކުރަމުން އައި ގޮތަށް މާލޭގައި ފިނިކޮޓަރީގައި ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދަކީ އަދި ސިޔާސަތަކީ ވެސް ކުރިން އޮތް މަރުކަޒީ ނިޒާމު ބަދަލުކޮށް މާލެއަށް ޖަމާވެފައި އޮތް ބާރުތައް ކައުންސިލްތަކަށް ބަދަލުކޮށް އަތޮޅު ތަކުގެ ހިންގުން ލާމަރުކަޒުކޮށް ކައުންސިލް ތަކުން ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އެގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަށްޓަކާ ލާމާރުކަޒީ ގާނޫނަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ.

"12 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގުނުއިރު ކިތައް ދިވެހީންނަށް ވަޒީފާ ލިބުނުތޯ؟ ކިތައް ދިވެހި ކުންފުންޏަށް ޕްރޮޖެކްޓް ދެވުނުތޯ؟ ކިތައް ރަށުގެ ވަޑާންގެއަށް މަސައްކަތް ދެވުނުތޯ؟ ކިތައް ދިވެހީންގެ ވެހިކަލް ބޭނުން ކުރެވުނުތޯ؟" އިތުރަށް ސުވާލު އުފައްދަވަމުން ޝަރީފު ވިދާޅުވިއެވެ.

ބޭރުގެ ބޭންކްތަކުން ލޯނު ނަގައިގެން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތައް ދިވެހީންނަށް ނުލިބޭތީ ޝަރީފުވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. ޝަރީފު ވިދާޅުވީ ބޭރުގެ ބޭންކަކުން ލޯނު ނެގިޔަސް އެ ލޯނު ދައްކަނީ ދިވެހީންގެ ޓެކްސް ފައިސާއިން ކަމަށެވެ.

"ކޮވިޑް-19 ޕެންޑަމިކް ތެރޭގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ވަޢުދުވީ ދިވެހީންނަށް ފުރުސަތު ދޭނަމޭ ބުނެ." ޝަރީފު ވިދާޅުވެފައި ވެއެވެ.

ޝަރީފު ވަނީ އިންޑިއާގެ ކުންފުނިތައް ކުރިމަތީގައި އަތުރާލައިގެން ތިބެ، 12 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާ ކަމަށް ފަޚުރުވެރިކަމާއެކު ފިނޭންސް މިނިސްޓަރ އެވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

"ތިޔަ 12 ބިލިއަން ރުފިޔާއިން ޕްރޮޖެކްޓް ހިންގި ރަށުގެ ކިތައް މީހުންގެ ޖީބަށް ފައިސާ ވަދެފަވޭތޯ؟" ޝަރީފު ސުވާލު ކުރެއްވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގައި ރާއްޖޭގެ 16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް، މިއަދުވެސް ވަނީ އިންޑިއާގެ ހަތަރު ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް މިއަދު ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ އަގަކީ 1.69 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަން ހަވާލުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަބީރާލަތީފް

19-Mar-2021

ހުރިހާ މޮޅެއް އިންޑިޔާ މީހުނަށް. ހުރިހާ ކަމިޝަނެއް ކެނެރީއަށް. މިހާރުއިންޑިޔާ މީހަކު ހުއްޓާ ދިވެއްސަކަށް ވަޒީފާއެއްވެސް ނުލިބޭ. ޢެމްޓީސީސީ އިން ޖައްސަނީ ފޭކް. މިދަނޑުވަޅު އިންދީޔާ މީހުން ނަގަންވެގެން މޫނުމަތި ރީތިކުރަން ކުރާކަމެއް އެއީ


0

ޢަހުމަދު

19-Mar-2021

ޑރ. ނާޝް އަށް ލިބުނީ ކިހާވަރެއްތޯ ސުވާލު ކޮށްބަލަ. ހަކަތައިގެ ހުރިހާ ޕްރޮޖެކްޓަކަށް ބޯކޮށްޕައިގެން މާމޮޅު ޑޮކްޓަރަކަށް ވެގެން ރޯނު އެދުރު ހެދިގެން އުޅެނީ ހަމަ އެކައްޗެއް ވެސް އެގެނީ އެއް ނޫން.



ޓްރެންޑިން