ލޯކަލް ކައުންސިލް އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަން ނޫން އެހެން ތަންތަނަށް ރީރަޖިސްޓްރީކޮށްފައިވާ 8000 މީހުން އަލުން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ 8000 މީހުން އަލުން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ނިންމީ އެމީހުން ރީރަޖިސްޓްރީކޮށްފައިވާ ގޮތުން އެމީހުންގެ ވޯޓުގެ ސިއްރުކަން ގެއްލޭތީކަމަށެވެ. އެހެންކަމުން މިހަފްތާގެ ތެރޭގައި އެމީހުން ވޯޓަށް ރަޖިސްޓްރީ ވުމަށްޓަކައި އަލުން ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު އެ ކޮމިޝަނަށް 26750 ފޯމް ވަނީ ހުށަހަޅާފައެވެ. ވޯޓުލާން ބޭނުންވާތަން އަލުން ރަޖިސްޓްރީ ކުރަން ޖެހެނީ އެމީހަކު ރެޖިސްޓްރީ ވެފައި އޮންނަ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ދުވަހު ހުންނަން ޖެހޭނަމައެވެ. އެމީހަކު ރަޖިސްޓްރީ ވެފައި އޮންނަ ތަން ނޫން އެހެން ތަނެއްގައި ވޯޓުލެވޭނީ އެތަނެއްގައި ވޯޓު ލުމަށް ރެޖިސްޓްރީކޮށްގެންނެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރާއިރު، އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން