ބޭރުގެ އިންވެސްޓަރުންނަށް ގެސްޓުހައުސްތަކުގެ ވިޔަފާރީގައި ބައިވެރިވެވޭގޮތަށް ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާއިދު އިސްލާޙްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި، ޕާރޓްނަރޝިޕްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕާޓްނަރޝިޕްތަކަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށް ކަމަށްވަނީ ކަނޑައަޅާފައެވެ.

މިޤަވާއިދުގެ ދަށުން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނަރޝިޕްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، އިންވެސްޓްމަންޓްގެ 49 އިންސައްތަ ހިއްސާވާ ގޮތަށެވެ. އެހެންކަމުން ގެސްޓްހައުސްއެއްގެ މެޖޯރިޓީ ހިއްސާ އޮންނަންޖެހޭނީ ދިވެއްސެއްގެ ނަން މަތީގައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވީ މި ބަދަލަކީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

"އިންވެސްޓަރުން ވަރަށް ނާދޭ ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓު ނުކުރެވޭތީ، އެކަމަކު މިހާރު މިގެންނަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކާމިޔާބުވެފައިއިން މޮޑެލްއެއް، މެޖޯރިޓީ ހިއްސާ ދިވެހިންނަށް އޮވެފައި މައިިނޯރިޓީ ހިއްސާ ބޭރު މީހުންނަށް އޮވެވޭގޮތަށް ކުދި ހޮޓާތަކުގެ ވިޔަފާރީގައިވެސް ބައިވެރިވެވޭގޮތަށް،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފުޅާވަމުންދާއިރު މިއީ އަތޮޅު ތެރޭގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް މުހިއްމު ސިނާއަތެކެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 600 އަށްވުރެ ގިނަ ގެސްޓްހައުސް ދަނީ ހިންގަމުންނެވެ. އަދި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން