ބޭސްތަކެއް އެތެރެކުރުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައެއްގައި އެސްޓީއޯގެ އިސް 2 ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ.

މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީގެ އޮފީހަށް ފޮނުވާފައި ވަނީ އެސްޓީއޯގެ މެޑިކަލް ސާވިސް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުގައި ހުންނެވި ސ. ހިތަދޫ ގުލްޒާރުގޭ، ހުސައިން ސޮބާހާއި އެ ޑިޕާޓްމަންޓުގެ ޕްލޭނިން މެނޭޖަރު ފުވައްމުލަކު ޖިއްދާ، ހަމްދާން ފާއިޒުގެ މައްޗަށެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އެޓޮވަސްޓެޓިންގެ ބްރޭންޑެއްކަމަށްވާ އެޓޮކޯގެ 40މގ (މިލިގްރާމް) އަލަށް ރާއްޖެ ގެނައުމަށް، ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައިވާކަމަށެެވެ. އަދި އެ ބޭހުގެ 40މގ. އަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އައު ޑޯސޭޖެއްކަމަށްވާއިރު، ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގޭކަށް ނެތްކަމަށެވެ.

ހަމައެހެންމެ، އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކްޖެހިގެން ގެންނަ ބަލިމީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯސޭޖެއްކަމަށާއި ޢާއްމުކޮށް ބަލިމީހުންނަށް ލިޔެދެނީ 10މގ. އަދި 20މގ. ކަމަށްވާތީ 40މގ. ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެކަމަށް ތަޙުޤީޤަށް ބަޔާންދިން ޑޮކްޓަރުން ބުނެފައިވާކަމާއި، އެއީ ޢާއްމުކޮށް ގިނަ ދުވަހަށް ގަވާއިދުން ބަލީމީހުން ބޭނުންކުރުމަށް ޑޮކްޓަރުން ލިޔެދޭ ޑޯސޭޖެއް ނޫންކަން ކޮމިޝަނުގެ ތަޙްޤީޤަށް ވަނީ އެނގިފައެވެ.

އޭސީސީގެ ބަޔާނުގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސް.ޓީ.އޯއިން އެޓޮކޯގެ 40މގ. އަށް ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާކަމަަށެވެ. އެގޮތުން، އެސް.ޓީ.އޯއިން 2016 ގައި 560000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް ދެމިލިއަން ނުވަސަތޭކަ އަށާވީސްހާސް ހަތަރުސަތޭކަ އަށްޑިހަހަތް ރުފިޔާ ސާޅީސްފަސް ލާރި ޚަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެގްރީމަންޓްގައި ފޯކާސްޓްކޮށްފައިވާ ޢަދަދާއި މެޑިކަލް ސަރވިސް ޑިޕާޓްމަންޓުން ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ ގިނައިން 2016 ވަނަ އަހަރު އެ ބޭސް ގެނެސްފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީގެ ބަޔާނުގައި 2016 ގައި އެޓޮކޯގެ 20މގ އާއި 10މގ ވެސް އޯޑަރުކޮށްފައިވާއިރު، 20މގ އަށްވުރެ ގިނައިން 40މގ ގެނެސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި 40މގ. ގެ ބެޗުން ވިކުނީ ގެނައި ޢަދަދުގެ %5 އަށްވުރެ ކުޑަ ޢަދަދެއްކަން ފާހަގަކުރެވޭއިރު، މާރިޗު 2018 އަށް އެ ބެޗްގެ މުއްދަތު ވަނީ ހަމަވެފައެވެ. އަދި މާކެޓިންގގެ ބޭނުމަށްކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެކޮށްފައިވާ އެޓޮކޯ 40މގގެ ގިނަ ޢަދަދެއްގެ ބޭސް ރިޒަރވްކޮށްފައިވާއިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސް.ޓީ.އޯއަށް ދެމިލިއަން ހަތް ސަތޭކަ އަށްޑިހަ ހަތްހާސް ހަތަރުސަތޭކަ ފަންސާސްހަތް ރުފިޔާ ތޭރަ ލާރިގެ ގެއްލުންވެފައިވާކަމަށް އޭސީސީން ފާހަގަކުރެއެވެ.

އެހެންކަމުން މިކަންކަމަށް ރިޔާޢަތްކުރާއިރު އެސް.ޓީ.އޯގެ މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަޤާމުގައި ހުރި ޙުސައިން ޞަބާޙް (ގުލްޒާރުގެ / ސ.ހިތަދޫ) އާއި، އެ ޑިޕާޓްމަންޓްގެ ޕްލޭނިންގ މެނޭޖަރ ޙަމްދޫން ފާއިޒް (ޖިއްދާ / ޏ.ފުވައްމުލައް) މި މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގޭކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން