ރިސޯޓް މުވައްޒަފުން ވޯޓުން މަހްރޫމްކުރުވަން އުސޫލުތައް ހަރުކަށިކުރަމުންދާކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ ވޯޓް ފޮށި ބެހެއްޓުމަށް ކުރިން ނިންމި ބައެއް ރިސޯޓްތަކުގައި ވޯޓް ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމެވުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ބާއްވާ ކައުންސިލް އިންތިޚާބަކީ އެންމެ ނާ އިންސާފު، ހައްޤުތަކުން މަހުރޫމް ކުރުވިގެން ބޭއްވޭ އިންތިޚާބު ކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ އަސާސްތަކާއި މުޅިން ހިލާފަށް ބޭއްވޭ އިންތިޚާބެއްކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ރިސޯޓް މުވައްޒަފުން ވޯޓުން މަހްރޫމްކުރުވަން އުސޫލުތައް ހަރުކަށިކުރަމުންދާކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.



ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓްތަކުގެ ތެރެއިން 5 ރިސޯޓެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމާފައިވާކަން ވަނީ މިއަދު އިއުލާންކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން 5 ރިސޯޓެއްގައި ފޮށި ނުބަހައްޓަން ނިންމީ ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވިއިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީކަމަށެވެ.

ވޯޓް ފޮށި ނުބަހައްޓަން ނިންމި ރިސޯޓްތަކަކީ، ކިހާ މޯލްޑިވްސް، ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ، ބްރެނިއަރ ކޮއްޓެފަރު، ޑްރިފްޓް ތެލުވެލިގާ އަދި އާވީ ނޭޗާރސް ޕެރެޑައިސް ރިސޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން