ކޯވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަފްތާއަކަށް ދަންމާލައިފިއެވެ.

މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަފްތާއަކަށް އިތުރުކުރުމަށް ނިންމިކަން އިއުލާންކޮށްފައިވަނީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާންމުކުރި އެންގެވުމެއްގައެވެ. މި އެންގެވުމުގައި މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި، ގުޅިފަޅާއި، ހުޅުލޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު 7 ދުވަހަށް އިތުރުކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން މަނާކުރުމާއި، މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން ހިމެނެއެވެ. މީގެއިތުރުން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި ދުވުމަށް ޚާއްޞަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުމާއި ޕާކުތަކާއި މައިޒާންތައްވެސް ބަންދުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ސައި ހޮޓާ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއިން ބުއިމުގެ ޚިދުމަތް ރޭގަނޑު 8:00 އާ ހަމައަށް ދިނުމާއި ޓޭކްއަވޭގެ ޚިދުމަތްވެސް ރޭގަނޑު 10:30އާ ހަމަޔަށް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޯވިޑް ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން އަޅާފައިވާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ޚާއްޞަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު ހެދުމާއި، ޕްރީ ސްކޫލުތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމުގެ އިތުރުން ޑޭ ކެއަރގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓާލުން ހިމެނެއެވެ.

ރާއްޖެއިން އިތުރު 142 މީހުން ކޯވިޑް-19އަށް އިއްޔެ ޕޮޒިޓްވެފައިވާއިރު މިހާތަނަށް ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުމިވަނީ 21961އަށް އަރާފައެވެ. އިއްޔެ އާންމުކުރި ހިސާބުތަކަށް ބަލާއިރު ބަލިން ރަނގަޅުވެފައިވަނީ 177 މީހުންނެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 19519 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2371 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އިޔެއާއި ހަމައަށް 118 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 64 މީހުންވަނީ ނިޔާވެފައެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން