އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަހްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ބަލައި، ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޙަޤީޤަތް ހޯދާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަން ޖެހޭ އެންމެހާ ބެލުންތައް ޤާނޫނީ ޓީމުން ބަލަމުންގެންދާ ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި ބެލި ގޮތެއް ނިމެންޖެހޭ މައްސަލަތަކެއްކަމަށް އެ ކޯލިޝަންގެ ފަރާތުން އަބަދުވެސް ވަކާލާތު ކުރަމުންދާ ކަމަށެވެ. އެއްވެސް ފަރާތަކަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރަތަކަކީ، އެއްވެސް އިރެއްގައި މި ޕާޓީއިން ތަރުހީބު ދީ ބަލައިގަންނާނޭ ކަމެއް ނޫން ކަން ހާމަކޮށް އެކޯލިޝަނުން ބުނީ އެފަދަ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ޕީޕީއެމުން އަބަދުވެސް ކުށްވެރި ކުރާ ކަމަށެވެ.



"މިއީ މަގޭ ރާއްޖެ" ތަސައްވުރުގެ އެންމެ މުހިންމު އެއް އަސާސަކީ އަމާން ދިރިއުޅުމެއް ގާއިމްކޮށްދިނުން ކަމަށާއި، ހާއްސަގޮތެއްގައި ކުޑަކުދިންނަށް ރައްކާތެރި، އަންހެނުންނަށް އޯގާތެރި، އިސްރަށްވެހިންނަށް ކުލުނުވެރި މުޖުތަމައެއް ބިނާކުރުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން މިމައްސަލައިގައި ތުޙުމަތު ކުރެވިފައިވާ ފަރާތުގެ މައްސަލަ ބަލާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ބަޔާނުގައިވެއެވެ.

"މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ވީ އެންމެ އަވަހަކަށް ފައިސިލާ ކުރަނިވި ނިންމުމެއް ނިންމައިދިނުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން." އިދިކޮޅުގެ ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަހްމަދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް އުފުލި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ވަނީ ބަންދުކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލިފައިވާ ތިން ދައުވާއެއްގެ ޝަރީއަތް ހިނގަމުންދާ ކަމަށެވެ. މި ގޮތުން ޕީޕީއެމްގެ ޓިކެޓު ލިބުނުއިރުގައި ވެސް ދައުވާއެއް އުފުލިފައިވެއެވެ. އެއީ 2015 ވަނަ އަހަރު އުފުލުނު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. ކުރިން ހުށަހެޅުނު މައްސަލައިގެ ޝަރީއަތް ނުނިމޭއިރު މިދިޔަ އަހަރު އިތުރު ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. އޭގެ ތެރޭގައިޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަ ކުއްޖަަކަށް އިއްވުމުގެ ކުށުގެ ދައުވާ، އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން