ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ޤަޠަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ޤަޠަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމާ، ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ. މި ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެޤައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަން ފާހަގަކުރައްވާފައެވެ. އަދި އެއީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ޙާޞިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީޚީ އަދި ޘަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ބަންގުލަދޭޝްއިން ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން