އައްޑޫ ސިޓީގެ އިޤްތިޞާދަށް އޮތް އަވަސް ހައްލަކީ ޓޫރިސްޓް އެނދު އިތުރުކުރުންކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ކަނޑައެޅި ބިންތަކުގެ ތެރެއިން 31 ބިމެއް އެސިޓީގެ ކައުންސިލާ ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިކަމަށް އިޝާރާތްކުރައްވައި ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ އިޤްތިޞާދަށް އޮތް އެންމެ އަވަސް ހައްލަކީ އައްޑޫގައި ޓޫރިސްޓް އެނދު އިތުރުކުރުންކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ނިޒާރު ޝުކުރު އަދާކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރ މައުސޫމް އައްޑޫ ސިޓީއާ ބަހައްޓަވާ ގާތްކަން ފާހަގަކުރެވޭކަމަށާއި މައުސޫމްގެ މަސައްކަތްޕުޅުން އުއްމީދު އާލާވާކަމަށެވެ. އަދި އެކަންކަމުން އުއްމީދު އާލާވާކަމަށް ނިޒާރު ވިދާޅުވިއެވެ.



އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ކަނޑައެޅި ބިންތަކުގެ ތެރެއިން 31 ބިމެއް އިއްޔެ ވަަނީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް 5 ސަރަހަދެއް ކަނޑައަޅާ 93 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އެސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ މި ބިންތަކުގައި ގެސްޓް ހައުސާއި ސިޓީ ހޮޓާތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ކުރާ މަސައްކަތެކެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރާ 93 ބިމުގެ ތެރެއިން ފުރަތަމަ ބިޑަށް ހުޅުވާލީ މީގެތެރެއިން 31 ބިމެކެވެ. އެއީ ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިމަކާއި، މަރަދޫ ޓުއަރިޒަމް ޒޯނުން ބިމަކާއި ފޭދޫ ޓުއަރިޒަމް ޒޯނުން 12 ބިމަކާއި ހުޅުދޫ ޓުއަރިޒަމް ޒޯނުން 9 ބިމާއި މީދޫ ޓުއަރިޒަމް ޒޯނުން 2 ބިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން