ބީއެމްއެލްގެ މުވައްޒަފުންނާއި ދަރުމަވެރިން. (ފޮޓޯ: ބީއެމްއެލް)
ބީއެމްއެލްގެ މުވައްޒަފުންނާއި ދަރުމަވެރިން. (ފޮޓޯ: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން ތިން ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ.  

މިގޮތުން ވ. ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް މިސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ފޮޓޯ ނެގުމަށް މިސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްތައްވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ލ. ފޮނަދޫ ބްރާންޗްގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްފައެވެ. އަދި ހދ. ކުޅުދުއްފުށީގައި އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށް މިސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމަށްޓަކައި އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗް ބަހައްޓާފައިވެއެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށްޓަކައި ހިންގި ހަރަކާތްތަކެކެވެ. މި 3 ރަށުގައި ކުރި މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށްވުރެ ގިނަ ވޮލަންޓިއަރުން ހަރަކާތްތެރިވިކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.   

މިހަރަކާތްތައް ހިންގާފައިވަނީ، ކޮންމެ އަހަރަކު މާރޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެންނެވެ. އެ ބޭންކުގެ އަމާޒަކީ މިފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިޔުމެވެ.

ބީއެމްއެލްގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުން ދާއިރު، ގުދުރަތީ ކާރިސާ ތަކާއި އެކިއެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިޔަރުން ހަރަކާތްތެރިވަަމުންދާކަމަށް އެބޭންކުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން