ރ.އުނގޫފާރު
ރ.އުނގޫފާރު
ރ. އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައިވާތީ 2 މާރިޗްގެ ފަހުން ރ. އުނގޫފާރުގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ނުވަތަ މާލެއަށް އައިސްފައިވާ ފަރާތެއްވާނަމަ ދިހަ ދުވަހަށް ކަރަންޓީން ވުމަށް އެޗްޕީއޭއިން މިރޭ އަންގައިފިއެވެ.

އެޗްޕީއޭ އިން ބުނީ އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައިވާތީ 2 މާރިޗްގެ ފަހުން ރ. އުނގޫފާރުގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގުން އެދޭކަމަށެވެ. އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސުންކު (ސާމްޕަލް) ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މީގެއިތުރުން 2 މާރިޗް 2021 ގެ ފަހުން ރ. އުނގޫފާރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސުންކު ނެންގެވުމަށް ވެސް އެޗްޕީއޭ އިން އެދެއެވެ. އަދި ނަތީޖާ ނައްސި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާކުރެއްވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އުނގޫފާރުން އިއްޔެ ފުރަތަމަ ކޮވިޑަށް ފައްސިވީ 50 އަހަރުގެ އަންހެނެކެވެ. އުނގޫފާރަށް އަރައި ފޭބުން މަނާކޮށް އެޗްޕީއޭ އިން މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން