އއ. ތޮއްޑޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
އއ. ތޮއްޑޫގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
އއ. ތޮއްޑޫގައި ސްޓެލްކޯއިން އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

ދަނޑުވެރިކަމަށް މުޅި ރާއްޖެއަށްވެސް މަޝްހޫރު ތޮއްޑޫގެ ކަރަންޓުގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވި އިރު އެ ރަށުގެ ދެ ޖަމިއްޔާއަކުން އައީ ދެ އިންޖީނުގެއަކާއި، ދެ ޑިސްޓްރިބިއުޝަން ވިއުގައެއް ހިންގަމުންނެވެ. ސްޓެލްކޯއިން އެރަށުގެ ކަރަންޓުގެ ހިދުމަތާއި ހަވާލުވެ، އެރަށުގެ އާންމުން ދިރިއުޅެމުން އައި ސަރަހައްދުތަކާއި އެންމެ މަގަތުގައި ހުރި އިންޖީނުގެ އުވާލައި، ދެވަނައަށް ހިންގަމުން އައި އިންޖީނުގެ ރަށުގެ އާންމުންނަށް އުނދަގޫ ނުވާނެހެން އެހެން ތަނަކަށް ބަދަލުކޮށް ދީފައިވެއެވެ.

ސްޓެލްކޯއިންވަނީ މުސްތަގުބަލުގައި ތޮއްޑޫއަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައި، ތޮއްޑޫގައި މިހާރު ފޯރުކޮށްދެމުން ގެންދާ 810 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށް ނިންމާފައެވެ.

5 މެގަވޮޓް ކެޕޭސިޓީ ގާއިމް ކުރެވޭގޮތަށް އިމާރާތްކުރާ މި އިންޖީނުގެ ވެގެންދާނީ ތޮއްޑޫގެ މަލަމަތި ބަދަލުކޮށްލާނެ ރީތި ތަފާތު ޒަމާނީ ބިނާއަކަށްކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކުރެވޭނެ މިއާއިންޖީނުގޭގައި ކަސްޓަމަރ ސަރވިސް އިމާރާތެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، މިއިމާރާތުގެ އެންމެ ތިރީބައި ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައެވެ. އިމާރާތުގެ ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ކްލާސްތައް ހިންގުމަށާއި، މީޓިންތައް ބޭއްވޭ ގޮތަށެވެ. އަދި ކޮވިޑުން ކުރެވުނު ތަޖުރިބާތަކާއިއެކު، މިއިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ ކާރިސާއެއް ކުރިމަތިވާ ހާލަތުގައިވެސް އެހާލަތަކަށް ތައްޔާރުވެ މުވައްޒަފުންނަށް ލޮކްޑައުންވެ ތިބެވޭނެ ގޮތަކަށެވެ.

މީގެއިތުރުން، މިއިންޖީނުގެ ވެގެން ދާނީ އަޑުމަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޖީނުގޭގެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އއ. ތޮއްޑޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އެޅުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

ތޮއްޑޫގައި އިމާރާތްކުރެވޭ އާއިންޖީނުގެއާއިއެކު ތޮއްޑޫއަށް އިތުރުކުރިއެރުންލިބި، ކަރަންޓުގެ ދާއިރާއިން އައު ފަސޭހަތަކެއް ލިބިގެންދިއުމަށް ސްޓެލްކޯއިން އުންމީދުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން