މާލެ މަގުމަތީގައި ރެންޑަމް ސާމްޕަލް ނެގުން. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
މާލެ މަގުމަތީގައި ރެންޑަމް ސާމްޕަލް ނެގުން. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 81 މީހަކު ޕޮޒިޓިވްވެ 124 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22،373 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،404 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 52 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 29 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 07 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 22 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 107 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 4،886 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 603،871 ސާމްޕަލް ނަގާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 124 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 19،897 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 65 އަށް އަރާފައެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން އަތޮޅުތެރެއިން މިއަދު ޖުމްލަ 599 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މިކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ދިނުން މިވަގުތަށް ވަނީ މެދުކަނޑާލެވިފައެވެ. އަދި ދެންއަލުން މާލެ ސަރަހައްދުގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ދިނުން ކުރިއަށް ގެންދެވޭނީ ވަކި ހާއްސަ ކެޓެގަރީއެއްގައި ހިމެނޭ މީހުންނަށެވެ.

މިހާތަނަށް ޖުމްލަ 218،645 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން