މާލޭގެ ކެފޭ އެއް
މާލޭގެ ކެފޭ އެއް
މާލެ ސަރަޙައްދުގެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ކެއިންބުއިމުގެ ޚިދުމަތްދޭ ގަޑިއަށާއި، ޓޭކްއަވޭ އަދި ޑެލިވަރީގެ ގަޑިތަކަށް ގެނައި ބަދަލު އިތުރު ހަފުތާއަކަށް މިރޭ ދިގު ދަންމާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގެވުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، 20 މާޗުން ފެށިގެން 24 މާޗުގެ ނިޔަލަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭ ގަޑިތަކަށް ކުރިން ގެނެސްފައިވާ ބަދަލު ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00އިން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30އިން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މި ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައިވާއިރު މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އަންގާފައިވެއެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުންދިއުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ކޮވިޑުގެ ތިންވަނަ ރާޅު ރާއްޖެއަށް ކުރިމަތިވެފައިވާއިރު ޕޮޒިޓިވް ކޭސްތައް ސަތޭކައިން މަތީގައި ހުރުމަށްފަހު އެ އަދަދު މިހާރު ވަަނީ ދަށައް ދާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން