އިންފޮރމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތްކަމަށް އެކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ގައުމީ ފެންކުންފުނި، އެމްޑަބްލިޔުއެސްސީގެ މައްޗަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމެއް އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.

އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރީ އެމްޑަބްލިޔުއެސްސީގެ ވަޒީފާއިން ވަކިކުރި މީހަކު، ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެފަރާތުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމެވި ނިންމެވުމެވެ. އެމައްސަލަައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްޑަބްލިޔުއެސްސީއަށް އަންގާފައިވަނީ މައްސަލައިގައި ބަޔާންކުރާ އޮޑިޓް ރިޕޯޓް ހޯދަން އެދުނު ގޮތަށް އެ ރިޕޯޓް ދޫކުރުމަށެވެ.





އިންފޯރމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަނީ ވަރަށް ގިނަ ކަންކަމަށް ރިޔާޢަތްކޮށްފައެވެ. އެގޮތުން މިމައްސަލަ ބެލުމުގައި ހައިކޯޓަށް އޮތް އިހްތިސާސްއަށް ވަރަށް ފުޅާދާއިރާއެއްގައި ހައިކޯޓުގެ ހުކުމްގައި ރިޔާޢަތްކޮށްފައިވެއެވެ.

ހައިކޯޓުގެ ނިންމުމުގައިވާ ގޮތުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިޚްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިވާ ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަންޖެހޭކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. މިގޮތުން ބަލާއިރު އިސްތިއުނާފްކުރެވުނު ނިންމުމަކީ ދަށު ކޯޓުން ނިންމި ނިންމުމެއް ނޫންކަމަށާއި އަދި އެއީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްކަމަށްވެސް ބެލޭނޭ ޖާގައެއް ނެތްކަމަށެވެ.

އެހެންކަމުން އެމްޑަބްލިޔުއެސްސީން ހައިކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ، އެމައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިސާސް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައަކަށްވާތީ، އެމައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ހައިކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅާފައެވެ. އަދި ހައިކޯޓަށް ބެލުމުގެ އިޚްތިސާސް ނެތްކަމަށް ބަޔާންކޮށް ނިންމާ މި ބަވާތުގެ މައްސަލައެއް ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރުމުގެ ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.



ހައިކޯޓުގެ ނިންމުމާއި ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ހައިކޯޓުގެ ނިންމުމުން އެނގެނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުމަކީ އިންފޯރމޭޝަން ކޮމިޝަނަރުގެ ނިންމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން