އަޚްލާގު ރަނގަޅު ޤައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، އެފަދަ މީހުންނަށް މައާފު ދިނުމުގެ ހާއްސަ އުސޫލެއްގެ ދަށުން، އެ ފަރާތްތަކުގެ އަދަބު މައާފުކޮށްދިނުމަށް އިލްތިމާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ފާސްކޮށްފިއެވެ.

ޤައިދީންނާއި ގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓީން ނިންމިގޮތުގެ ރިޕޯޓްގައި 13 ކަމެއް ހިމަނާފައިވެއެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓްގައިވަނީ، ކުށްކުރާ ފަރާތްތަކަކީ ޖަލުގައި ބަންދު ކުރެވި މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި "ނަން ކަސްޑޯޑިއަލް ސެންޓެންސް" ގެ ދަށުން ކުދި ކުށްކުރާ މީހުން މުޖުތަމައަށް ބޭނުންތެރި ހިދުމަތެއް ކުރުމަށްފަހު އެ ކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށެވެ. އަދި އެކަމާ ގުޅޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ރިޕޯޓްގައިވެއެވެ.

ޖަލު ތަކުން މަސްތުވާތަކެއްްޗާއި، މަސްތު ވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގކޮށްފައިވެއެވެ. އަދި އެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓާ ކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.



ގައިދީންނަށް ހައްގުވާ ކްލެމެންސީ ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި، އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވީ އެންމެ އަވަހަކަށް ގެނައުމަށްވެސް އެ ރިޕޯޓްގައިވެއެވެ. މީގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ވީ އެންމެ އަވަހަކަށް އިސްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.

އަޚްލަާގު ރަނގަޅު ޤައިދީނަށް މަޢާފްކޮށްދިނުމަށް ރައީސަށް އިލްތިމާސްދެންނެވުމަށް ކޮމިޓީން ފާސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް މިހާރުވަނީ ރިޕޯޓް ފޮނުވާފައެވެ.



މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މަޢާފްދީ އަފްޢާމް ދެމުންދާކަމަށް ތުހުމަތު ކުރަށްވާފައެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ކަމެއް ރައީސް އޮފީހުގެ ތެރެއަކުން ނުހިނގާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން