ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، އެކުއްޖެއްގެ އާއިލާ ނިސްބަތްވާ ރަށެއްގައި އެކުއްޖަކު ބޮޑުވާން ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ، މާލޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އަމާން ހިޔާއަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމަށް އިޝާރާތްކުރައްވައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 17 ކުއްޖަކު މާލެ އިން ބ. އޭދަފުއްޓަށް ދާދި ފަހުން ބަދަލުކުރުމާއެކު އެރަށުގެ ބައެއް ރައްޔިތުންވަނީ އެކުދިންގެ ފަރާތުން އަޚްލާގީ މައްސަލަތައް ފެންނާތީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެކުދިން އެރަށުން ބޭރުކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުންވެސް ސަރުކާރުންވަނީ ހއ. ދިއްދޫގައި ހުންނަ އަމާންވެށްޓަށް 15 ކުއްޖަކު، ށ. ފުނަދޫއަށް 16 ކުއްޖަކު އަދި ފުވައްމުލަކަށް 16 ކުއްޖަކު ބަދަލުކޮށްފައެވެ.

ބޮންޑެ ވިދާޅުވީ، އެކި ރަށްރަށަށް ނިސްބަތްވާ ކުދިން އާއިލާތަކާއި ވަކިކޮށް މަރުކަޒުތަކުގައި ތިބެ ބޮޑެތިކުރުމަށްވުރެ، އެކުއްޖެއްގެ އާއިލާ ނިސްބަތްވާ ރަށެއްގައި އެކުއްޖަކު ބޮޑުވާން ފުރުސަތު ދޭންޖެހޭކަމަށެވެ.

"އެކި ރަށްރަށަށް ނިސްބަތްވާ ކުދިން އާއިލާތަކާއި ވަކިކޮށް މަރުކަޒުތަކުގައި ތިބެ ބޮޑެތިކުރުމަށްވުރެ އެކުއްޖެއްގެ އާއިލާ ނިސްބަތްވާ ރަށެއްގައި އެކުއްޖަކު ބޮޑުވާން ފުރުސަތު ދޭންޖެހޭ! ކޮންމެރަށަކީ މަރުކަޒެކެވެ.! ލާމަރުކަޒު!" މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ.



ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަކީވެސް މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ފުރިހަމަ ތަރުބިއްޔަތުދީ ބޮޑުވާ ކުދިންނަށް ހެދުމުގެ މަޤްސަދުގައި ސަރުކާރުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަރުކަޒުތައް ޤާއިމްކުރަމުންނެވެ.



ޖެންޑަރ މިނިސްޓްރީން ބުނީ އަތޮޅުތަކަށް ކުދިން ބަދަލުކުރާއިރު، އެކުދިން ދިރިއުޅެމުންދާނީ އެރަށުގެ އެހެން އާއިލާތަކާ އެކުގައި ކަމަށާ އަދި އެ ތަންތަނުން އެކުދިންނަށް ބޭނުންވާ ފުރިހަމަ އަޅާލުމާއި ތަރުބިއްޔަތާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން