ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ 12500 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 12793 މުވައްޒަފަކަށް މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. އަދި އޭގެެތެރެއިން އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ރިސޯޓްތަކުގެ ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ 12048 މުވައްޒަފަކަށް ވެކްސިން ދީފައިވާއިރު ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ 306 މުވައްޒަފަކަށް އަދި ސަފާރީތަކުން 214 މުވައްޒަފަކަށް ވަނީ ވެކްސިން ދީފައެވެ. މީގެއިތުރުން ސިޓީ ހޮޓާތަކުގައި މަސައްކަތްކުރާ 70 މުވައްޒަފަކަށް ވެކްސިން ދީފައިވާއިރު، 64 މިއުޒީޝަނުން އަދި 24 ޓްރެވެލް އެޖެންޓުންނަށާއި ޓޫރިޒަމް މިނިސްޓްރީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 67 މުވައްޒަފަކަށް ވަނީ މިހާތަނަށް ކޯވިޑް ވެކްސިން ދީފައެވެ.

ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 218645 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން