ރަށްރަށުގައި ދިރިއުޅޭ ފަރާތްތައް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެރަށެއްގެ ކައުންސިލަށް ފޯމް ހުށައެޅޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ފަޤީރުންގެ ލިސްޓްގައި ރަޖިސްޓްރީވުމަށް ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ބައެއް ރަށު ކައުންސިލްތަކުގެ ރައީސުންނާއި މަޝްވަރާކުރައްވާފައެވެ.

1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓް އަލުން އެކުލަވާލުމަށްޓަކާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިމަހުގެ 21 އިން އަންނަމަހުގެ 21 ގެ ނިޔަލަށް ބަލައިގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. މާލެ ސިޓީގައި އިސްލާމިކް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގައި ފޯމު ބަލައިގަންނާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޯވިޑް-19ގެ ސަބަބުން ފަޤީރުންގެ ދަފްތަރު އެކުލަވާލުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ އިސްލާމިކް މިނިސްޓްރީން ހިއްސާކުރާ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށް ދިނުމަށާއި، މިހާރަށްވުރެވެސް ކައިރިން މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމުން ދިމާވާ ދަތިތައް ހައްލުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން