ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ރޭގަނޑު 10:30 ވަންދެން ޚިދުމަތްދެވޭ ގޮތް ހަދައިފިއެެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ހިމެނޭހެން މިރެއިން ފެށިގެން 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދެވޭނެ ކަމަށެވެ.

ކެފޭ/ރެސްޓޯރަންޓް އަދި ހޮޓާތަކުން ރޭގަނޑު 10:30އާ ހަމައަށް ޚިދުމަތް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާއިރު، މީގެކުރިން އޮތްގޮތުން ކެފޭތަކާއި ރެސްޓޯރެންޓްތަކުން ރޭގަނޑު 8:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތް ދިނުން ވަނީ މަނަލެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ މީގެކުރިން އަންގާފައެވެ.

އެޗްޕީއޭއިން ކެފޭ/ ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައި މިވަނީ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެފަރާތްތަކުން ވަނީ އިހުތިޖާޖު ކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ކެފޭ/ ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނަސް، އެޗްޕީއޭއިން އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ލުޔެއް ނުދެއެވެ. އެގޮތުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް އިންޖީނުލީ އުޅަނދު ދުއްވުން އަދިވެސް މަނާކޮށްފައިވާއިރު، ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.

މީގެއިތުރުން މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން ވަނީ މަނާ ކޮށްފައެެވެ. އަދި މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

ކޮވިޑުގެ ތިންވަނަ ރާޅު ރާއްޖެއަށް ކުރިމަތިވެފައިވާއިރު ޕޮޒިޓިވް ކޭސްތައް ސަތޭކައިން މަތީގައި ހުރުމަށްފަހު އެ އަދަދު މިހާރު ވަަނީ ދަށައް ދާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން