އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   21 މާރިޗު 2021 - 19:0
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން.
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން.
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އަވަސް އިސްލާހެއް ގެންަނަން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިޞާސް ހައި ކޯޓަށް ނެތް ކަމަށް އެކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭ ގޮތަށް އޮތް ނަމަވެސް ހައި ކޯޓުގެ މި ޙުކުމާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކުގައި އެންމެ ފަހު ބަސް ބުނާނީ ކޮމިޝަނަރެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ64 ވަނަ މާއްދާގައި ބަޔާންކުރަނީ، އެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުޞަތު ލިބިދޭކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި، ޤާނޫނާ އެއްގޮތަށް ޢަމަލުކުރިކަން ސާބިތުކޮށްދޭންވާނީ އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް މައްސަލަ ހުށަހަޅާ ފަރާތްކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ.

މިކަމާ ގުޅޭގޮތުން މުހުތާޒް ވިދާޅުވީ، އެގާނޫނުގެ 64 ވަނަމާއްދާއިން ސާފުވާ ހަގީގަތަކީ މަޖިލީހުން ގާނޫނު ފާސްކުރެވުނުއިރުގައި މެމްބަރުންގެ ވިސްނުން ހުރީ ކޮމިޝަނަރުގެ ނިންމުމަކީ ފަހުގެ ނިންމުން ނޫންކަމަށް ދޭހަވާ ގޮތަށް ކަމަށް ވާތީ ރައްޔިތުންގެ މަޖިލީހުން އެކަމަށް އަވަސް ހައްލެއް ގެންނަންޖެހޭކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހުތިޞާސް ހައި ކޯޓުގައި ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އެމްޑަބްލިއުއެސްސީން ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން މައްސަލައެއް އިސްތިއުނާފުކުރީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓު ހޯދަން އެދި ފެބްރުއަރީ 12، 2020 ގައި އެމްޑަބްލިއުއެސްސީއަށް ހުށަހެޅުމުން ޖަވާބެއް ދީފައިނުވާތީ އެކަން ބަލައިދޭން އެ މުވައްޒަފު އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުންނެވެ.

އެ މައްސަލައިގައި އެ މުއައްޒަފަށް އެދިފައިވާ މައުލޫމާތު ހިއްސާ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމުމުން، އެ ނިންމުމާ މެދު ހިތްހަމަނުޖެހި އެމްޑަބްލިއުއެސްސީން އޮގަސްޓް 24، 2020 ގައި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ.

ކޯޓުތަކުގެ ގާނޫނުން ހައި ކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިހްތިސާސްއަށް ބަލާއިރު، އެ އިހްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ހުށައެޅީ ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން ނިންމި ނިންމުމެއް ނޫން ކަމަށް ހައިކޯޓްގެ ޙުކުމުގައިވެއެވެ.

ހައިކޯޓްގެ ޙުކުމުގައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހައި ކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހުތިސާސް ގާނޫނުން ހައި ކޯޓަށް ލިބިދީފައި ނެތް މައްސަލައެއް ކަމަށް ވާތީ އެ މައްސަލައަކީ ހައި ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

އަދި މި މައްސަލާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ހައި ކޯޓަށް ލިބިދޭ އިހުތިސާސްއެއް ނުވަތަ އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައި ނެތް ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން