މާލޭގައި މާދަމާ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ ޗައިނާގެ ސިނޯފާމް ވެކްސިން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ކުރިން ރާއްޖޭގައި ޖަހަމުންގެންގޮސްފައިވަނީ އިންޑިއާގައި އުފައްދަމުން އައި ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އަށް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ހުޅުމާލޭ ފްލޫ ކްލިނިކް ހިންގި އިމާރާތް)، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮވިޑުން ދިފާޢުވުމަށް ރާއްޖޭގައި ވެކްސިން ޖަހަންފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖޭގައި ދެލައްކައަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން