ނުކުޅެދުންތެރިކަން ހުންނަ މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމަށް ފުލުހުންގެ ހާޒިރުގައި އާއިލާއިން އެމީހާއަށް އަނިޔާވާގޮތަށް އަމަލުކުރި މައްސަލަ ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އާއިލާއަކުން ހޯދަމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހެއް ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން މަަސައްކަތް ކުރުމުން އޭނާ އެކަމާ ދެކޮޅު ހަދާ ގަދަ ދެއްކުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރި މަންޒަރު ކަމަަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަމަލުކޮށްފައިވަނީ ކަންކުރަން އޮންނަ އުސޫލުތަކުގެ ތެރެއިންތޯއާއި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތް ބަލަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑަށް މިހާރު އަންގާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ތިން ފުލުހަކު ހަރަކާތްތެރިވިއެވެ. އެއީ ފިރިހެން ދެ ފުލުހަކާއި އަންހެން ފުލުހެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ އެ މީހާ އޭރު އިނީ ދެފައި ބަނދެފައެވެ. އޭނާއަށް އަނިޔާވާ އަމަލުތަކެއް ހިންގާ މަންޒަރު ލީކްވެފައިވާ ވިޑިއޯއިން ފެނެއެވެ. އާންމުވެފައިވާ ވިޑިއޯއިން އެފަދަ އަމަލުތަކެއް ފެންނައިރު ފުލުހުން އެ ސަރަހައްދުގައި ތިބެ އެކަން ހުއްޓުވަން އެއްވެސް މަަސައްކަތެއް ކޮށްފައިނުވާތީ ގިނަބަޔެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން