ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް "ހައިޖަންޕެއް" ޖެހުމަށްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގެ އައްޑޫ ސިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީއަކީ ކުރު މުއްދަތެއްގެ ތެރޭގައި އަވަސް ބަދަލުތަކެއް ގެނެވޭނެ ސިޓީއެއްކަމަށެވެ. އެއީ އައްޑޫ އަކީ މާލެ ފިޔަވައި އެންމެ ބޮޑަށް ތަރައްގީވެފައި އޮތް ސަރަޙައްދަށްވުމުންކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެމަސައްކަތްކުރާނީ އައްޑޫ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ އައްޑޫއަށް ހައި ޖަންޕެއް ޖެހޭތޯ އިނގޭތޯ. އެއީ އަޅުގަނޑުމެންނަށް ފެނުނު ތަނުގައި މާލެ ނަގާފައި އެންމެ ބޮޑަށް ތަރައްގީވެފައި އޮތީ އައްޑޫ. އެހެންވީމަ އެންމެ ބޮޑު ބަދަލެއް ގެނެވޭނެ އެންމެ މުހިންމު މެޓީރިއަލް ބަދަލެއް ގެނެވޭނެ ތަނަކީ އައްޑޫ ކަމަށްވާތީ." އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކައިގައި އައްޑޫ ސިޓީގެ ގަން އެއާޕޯޓް ތަރައްގީ ކުރުމާއި ބިން ހިއްކުމާއި މަގުތައް ހެދުމަށް 180 މިލިއަން ޑޮލަރުގެ މަޝްރޫޢެއް އެބައޮތްކަމަށެވެ. އަދި ބިން ހިއްކާއިރު އިތުރު ޓޫރިސްޓް ރިސޯޓްތައް ތަރައްގީކުރަން ވަކިން ބިން ހިއްކާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި އައްޑޫއަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެގޮތުން މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވާ އެއް ދާއިރާއަކީ އައްޑޫ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މިދިޔަ ދެ އަހަރުގެތެރޭގައި އައްޑޫ ސިޓީގެ އެކިއެކި ޕްރޮޖެކްޓުތަކަށް 535 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އައްޑޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ ޕްރޮޖެކެޓް ތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އައްޑޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ފެށޭނެ ކަމަށެވެ.

އައްޑޫއަށް ބޭނުންވާ ވަޒީފާތަށް އިތުރުކުރުމަށް ސަރުކާރު ކުންފުނިތަކުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ އައްޑޫގެ ރިސޯޓްތަކުގެ ކުލީގެ 60 އިންސައްތަ ކުޑަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އަތޮޅު ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅަކަށް ހަމަޖައްސާފައިވަނީ އައްޑޫކަން ފާހަގަކުރެވެއެވެ.

އެގޮތުން މަޖިލީހުން ފާސްކުރި 35 ބިލިއަން ރުފިޔާގެ ބަޖެޓުގައި އައްޑޫގެ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ވަނީ 8.306 ބިލިއަން ރުފިޔާ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން