މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ތަކުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ އޮޕަރޭޝަނުގެ ތެރެއިން ތ. ކިނބިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން ބުނެއެވެ. ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލައިގެ އިތުރުން މާލެއިން ފުރައިގެން ބ. ތުޅާދުއަށްދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އޭދަފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވެއެވެ. މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ލޯންޗުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުުހުން ބުނެފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން