ކުރީގެ ސަރުކާރުން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ފުޓުބޯޅަ ދަނޑެއް އަޅާފައިނުވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ނިމި، ޒުވާނުންނަށް މި ދަނޑުގައި ފުޓުބޯޅަ ކުޅެން ފެށޭނެ ތާރީޚެއް ސާފު ކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ، އަތޮޅު ތަކުގައި ފުޓުބޯޅަ ދަނޑުތައް ހެދުމަކީ ޒުވާނުންގެ ބޮޑު ޝައުގު ވެރިކަމެއް އޮތް ކަމެއް ކަމަށާއި މިސަރުކާރުން ވެރިކަމަށް އައިސް ޒުވާނުން ބޭނުންވާ ގޮތަށް ދަނޑުތައް ހަދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުރީގެ ސަރުކާރުން ދަނޑުތަށް އަޅަން ފައިސާގެ އެހީދިން ނަމަވެސް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެއްވެސް ދަނޑެއް އަޅާފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މިހާރުވެސް 12 ދަނޑެއްގެ މަސައްކަތް ނިމި، 35 ދަނޑެއްގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި 30 ދަނޑެއްގެ މަސައްކަތް ނިންމާލުން ކަމަށް މަހުލޫފް ވިދާޅުވިއެވެ. މިނިސްޓަރު މަހުލޫފް ވިދާޅުވީ ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތްތައް ލަސްވެގެންދަނީ ކޯވިޑާއި ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންކަމަށެވެ. އަދި މިމަސައްކަތްކުރާ ކޮންޓްރެކްޓަރުން މަސައްކަތް ނިންމުމަށް އިތުރު ތިން މަސް ދުވަހަށް އެދިފައިވާކަމަށް މިނިސްްޓަރު ވިދާޅުވިއެވެ.

ކޮންޓްރެކްޓަރާއެކު، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ ފެބްރުއަރީ މަހަށް ކަމުގައި ވީނަމަވެސް މަސައްކަތް ނުނިމި ލަސްވުމުން އިތުރު މުއްދަތެއް ދީގެންވެސް އަވަހަށް މަސައްކަތް ނިންމުމަކީ އެންމެ ބޮޑު އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތިމަރަފުށްޓަކީ ފުޓުބޯޅައިގެ ބޮޑު އާބަދީއެއް އޮތް ރަށަކަށްވުމުން އެރަށުގެ ދަނޑު ރަނގަޅު ފެންވަރަކަށް ހެދި ކުޅެވޭނެ ގޮތް ވުމަކީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ދަނޑުގެ މަސައްކަތުގެ އިތުރުން ދަނޑުގެ ވަށާފާރު ރޭނުމަށް މިއަދު ނޫނީ މާދަމާ އިއުލާން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން