މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެން ކަމަށް ބުނެ ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް ކުރަމުންދާ މަސައްކަތަކީ ވަރަށް ޒިންމަދާރުކަން ކުޑަކޮށް ކުރާ މަސައްކަތެއްކަމަށާ އެއީ ޒާތީ މަސައްކަތެއްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ މަލީހު މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ ޒާތީ މަސައްކަތްތަކެއް ކަމަށެވެ. އަދި ވަޒީރަށް މަޖިލީހުގައި 30 މިނިޓްގެ ވަގުތެއްގައި ވާހަކަ ދައްކަން ފުރުސަތު ލިބި އެފުރުސަތުގައި ދައްކަވާ ވާހަތަކާއި ގުޅިގެން އިތުރު އެއްވެސް ވާހަތަކެއް ދައްކައި ތަހުގީގް ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"30 މިނިޓް ތެރޭގައި ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮވޭ. މިއީ ޒާތީ ގޮތުންވަކި ބޭފުޅަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާކަމެއް. ޚާއްސަކޮށް މަޖިލިސް ރައީސް އިސްނަންގަވައިގެން މިކަން މި ކުރައްވަނީ. މިކަން މިހެންދާނަމަ ވަޒީރުންނަށް މަޖިލީހަށް ވަޑައިގެން ބޭނުން ވާހަކައެއް ދެއްކުމުގެ ބިރު އޮންނާނެ." ނާޒިމް ވިދާޅުވިއެވެ.

މަޤާމުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މައްސަލައަށް ޖަވާބު ދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. އެގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ އެ ތުހުމަތާ ގުޅިގެން މަޖިލީހުގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން