ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާފަދަ ތަންތަނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއުލާންކޮށްފައިވާ އަދި ދޭތެރެ ދޭތެރެއިން މުއްދަތު އިތުރުކުރަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހޮޓާ، އަދި ރެސްޓޯރަންޓް ފަދަ ތަންތަނަށް މާލީގޮތުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ވިޔަފާރިތައް މުޅިން ބަނގުރޫޓުވެ އަލުން ނަގައިކޮޅަށް ޖެހުމުގެ އުއްމީދުވެސް ކުޑަވަމުންދާކަމަށެވެ. އަދި އެ ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކުން ހުއްޓުމެއް ނެތި އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާތީ، އެ ޚިދުމަތްދޭ ފަރާތްތަކަށް ކުރިމަތިވެފައިވާ ތަކުލީފްތަކަށް ލުޔެއް ހޯދައި ދިނުމަށް މިމައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

"ދިވެހީންގެ ތެރެއިން ގިނަބަޔަކު ކެއިންބުއިމުގެ ޚިދުމަތަށް މިހާރު އެންމެ ބޮޑަށް ބަރޯސާކުރަނީ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓުތަކަށެވެ. ވިޔަފާރީގެ ތެރެއަށް ނުކުތުމަށް ގިނަ ދިވެހިން ބޭނުން ކުރާ ދޮރަކީވެސް ކެއިންބުއިމުގެ ޚިދުމަތުގެ ވިޔަފާރިއެވެ. މިހާރު ރާއްޖޭގައި އިއުލާން ކުރެވިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް ދިގުދެމިގެންގޮސް މިވިޔަފާރި، ޚާއްސަކޮށް ގްރޭޓަރ މާލޭ އޭރިޔާގައިވަނީ މުޅިން ހުއްޓުމަކާ ހަމައަށް ގޮސްފައެވެ. ގައުމުގެ އާއްމު އިގްތިސާދަށް މިކަމުން ވާ ގެއްލުންތައް ގިނަގުނައެވެ." ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

ސަލީމްގެ ހުށަހެޅުއްވި މައްސަލައިގައި ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓްތައް ހިންގާ ގިނަ މީހުންނަކީ ކުދި ވިޔަފާރިވެރިންކަމަށާއި ބޮޑު ކުއްޔަށް ތަންތަން ނަގައިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވިޔަފާރިއަށް އެރި ލޮޅުންތަކުގެ ސަބަބުން ގިނަ ތަންތަން މުޅިން އިނދަ ޖެހިއްޖެކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ހަމަ މުސާރައެއް ނުދެވޭއިރު ތަނުގެ ކުލި ބަރާބަރަށް ދެއްކުމަށް ދަތިވެފައިވާކަން މިމައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ކެއިން ބުއިމުގެ ޚިދުމަތުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކަށް ރޭގަނޑު ދިހަގަޑި ބަޔާއި ހަމައަށް ތަންތަން ހުޅުވައިގެން ތިބެވޭކަމަށާއި ނަމަވެސް ހޮޓާ ކެފޭ ފަދަ ތަންތަން ލަސްވެގެން އަށެއް ޖަހާއިރު ބަންދު ކުރަންޖެހޭކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި އެތަންތަން ބަންދުކޮށްފައި ދާއިރު ޝޮޕިން ސެންޓަރުތަކުގައި ވިޔަފާރި ކުރަން މީހުން ތޮއްޖެހިފައި ތިބޭ މަންޒަރު ފެންނަކަންވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ދުއްވާ އެއްޗެހި 6 ގެފަހުން މަނާ ކޮށްފައި އޮތް ނަމަވެސް، ބައިބަޔަށް މީހުން އަތިރިމައްޗަށް އެއްވެ އުޅޭ މަންޒަރާއި، މަގުތަކުގައި ގިނަ މީހުން އެކުގައި ހިނގާބިނގާވެ އުޅޭ މަންޒަރު ފެންނައިރު، ކެފޭ އަދި ރެސްޓޯރަންޓުތައް ލަސްވެގެން އަށެއް ޖަހާއިރު ބަންދު ކުރަން ޖެހުމަކީ އޭގެ "ލޮޖިކް" އާ މެދު ސުވާލު އުފެދޭ ކަމެއްކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫންކަމަށް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުރުން ހޮޓާ ކެފޭ ރެސްޓޯރެންޓުތައް ވަކި ގަޑިތަކެއްގައި ބަންދު ކުރުމަކީ، އެކަމުގެ ސަބަބުން ކޮވިޑް ފެތުރޭ ރޭޓް ދައްވާ ކަމަށް ނުވަތަ ބަލީގައި މީހުން މަރުވާ ރޭޓް ދަށްކުރެވޭ ކަމަށް ސައިންޓިފިކް އެއްވެސް ހެއްކެއް އޮތް ކަމެއް ކަމަށް ފެންނާކަށްވެސް ނެތްކަމަށާއި ކެއުން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެ ވިޔަފާރިތަކަށް ލުއި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ މިމައްސަލައިގައި ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން