އަހުމަދު މަސްނޫމް   22 މާރިޗު 2021 - 18:13
ވަޒީރުންނަށް ބިރު ދައްކާކަމަށް ބުނެ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށްގެން ކުރިއަށްދިޔަ ބައްދަލުވުމުން މަލީހު ކުރި ހޯއްދަވައިފިއެވެ.

މިއަދުގެ ބައްދަލުވުމަށް މަލީހު ހާޒިރުކުރީ އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި ވޯޓް ނެގި ދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެނެވެ. އެދުވަހުގެ ޖަލްސާގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިވެ ވަޑައިގެންނެވީ މަޖިލީހުން ބިރުދައްކައިގެންކަމަށް މަލީހު ވިދާޅުވިއެވެ.

އެދުވަހުގެ ޖަލްސާގައި މަލީހު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމައްސަލަ ބެއްލެވުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. އަދި އެމައްސަލަ ބެލުމަށް މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ކުރީގެ މިނިސްޓަރު މަލީހު ވަނީ މިއަދު ހާޒިރުކޮށްފައެވެ.



އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމިޓީއަށް މަލީހު ހާޒިރުކުރުމުން މެމްބަރުން ވަނީ ވަޒީރުންނަށް ބިރުދައްކާކަމަށް ބުނެ މަލީހު ދެއްކެވި ވާހަކައާއި ގުޅިގެން ސުވާލުކޮށްފައެވެ.

ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަލީހު ވަނީ އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަނީ ޤާނޫނީ ކޮން އުސޫލެއްގެ ތެރެއިންތޯ ސުވާލު ކުރަށްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކައަކާއި ގުޅިގެން އެއްވެސް ފަރާތަކުން އެމީހަކާއި ސުވާލުކޮށް ނުވަތަ ތަހުޤީޤެއް ހިންގައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން މަލީހު ފާހަގަކުރެއްވިއެވެ. އެހެންކަމުން އޭނާއާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަމުންދަނީ ޤާނޫނުއަސާސީއާ ހިލާފަށްކަމަށް ތަކުރާރުކޮށް މަލީހު ވިދާޅުވިއެވެ.

މަލީހުގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ކޮމިޓީން ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ބޭފުޅަކުވެސް ހާޒިރުކޮށް ސުވާލުކުރެވޭނެކަމަށާއި، އަދި މަލީހު ހާޒިރުކޮށްގެން ހިންގަނީ ތަހުޤީޤެއް ނޫންކަމަށެވެ. ނަމަވެސް މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވީ މަލީހު ކޮމިޓީއަށް ހާޒިރުކުރީ އުސޫލުތަކުން ބޭރުން، ޒާތީ ހަސަދައެއް އޮވެގެންކަމަށެވެ.

އެމްޑީޕީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަލީހު ދެކޮޅު ހެއްދެވުމުން ކޮމިޓީގެ މުޤައްރިރު ވަނީ ގޮތްހުސްވެގެން ކޮމިޓީ ބައްދަލުވުން ނިންމާލާފައެވެ. އަދި ދެން އޮންނަ ބައްދަލުވުމެއްގައި މިމައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޙުއްތު

23-Mar-2021

ޢިންތިޔާޒު ކޮމެޓީއަށް މިހާރު ހުންނާނީ ތިކިޖެހިފައި


-5

ޢަބުޅޯ

23-Mar-2021

އެމް ޑީ ޕީ މެންބަރުން ދެން ފޑ ބޮއެ.



ޓްރެންޑިން