އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު
އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރޯދަ މަހަށް ލުއިތަކެއް ދޭން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

ކެފޭ / ހޮޓާ، ރެސްޓޯރެންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވިޔަފާރިވެރިންނަށް ގެއްލުންވަމުންދާތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ މުޅި ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދެމުން އަންނައިރު، ވެކްސިން ދެވޭ ނިސްބަތަށް ބަލައި ލިބޭ ނަތީޖާއަކުން ލުއިތައް ދޭނެ ކަމަށެވެ. ނަމަވެސް އިހު އޮތްގޮތަށް ރުޖޫއަވެވޭނެ ވަކި ދުވަހެއް އަދިވެސް ނޭނގޭ ކަމަށް މައިމޫނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ވެސް ލުއިތަކެއް ދޭން މަސައްކަތް ކުރާ ކަމަށާއި، ރޯދަމަހު ވީހާވެސް ދަތި ނުވާނެހެން ފިޔަވަޅުތައް އެޅުމާއި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއްވެސް ވިޔަފާރިއަކާމެދު ތަފާތު ނުކުރާ ކަމަށާއި, ބަލި ފެތުރުމުގެ ހާލަތަށް ބަލައި އެއްވެސް ބަޔަކަށް ދަތި ނުވާނެހެން ފިޔަވަޅުތައް އެޅޭތޯ މަސައްކަތްކުރައްވާ ކަމަށް ވެސް މައިމޫނާ ވިދާޅުވި އެވެ.

މީގެ އިތުރުން މައިމޫނާ ވިދާޅުވީ ކެފޭ އާއި ރެސްޓޯރެންޓް އަދި ސައި ހޮޓާތައް ފަދަ ތަންތަނަކީ ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑު ތަންތަން ކަމަށާއި ފިހާރަތަކަށްވުރެ ބޮޑަށް އެފަދަ ތަންތަނުގެ ރިސްކް މާ ބޮޑު ކަމަށެވެ. ކެފޭ އާއި ރެސްޓޯރެންޓްތަކަށް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ އެތަންތަނަކީ ބަލީގެ ނުރައްކާތެރިކަން ފެތުރިގެން ދިއުން ބޮޑު ތަންތަނަށް ވާތީ ކަމަށް މައިމޫނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިޔަވަޅުތައް އަޅާފައި ވަނީ ރިސްކް ލެވެލްތަކެއް ކެޓެގަރައިޒް ކޮށްގެން. ރިކްސް ބޭސްޑްކޮށް ބަލާނަމަ ކެފޭ ރެސްޓޯރެންޓްތަކުގަ ރިސްކް ބޮޑު،" މައިމޫނާ ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލެ އާއި ވިލިނގިލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ހިމެނޭހެން ރެއިން ފެށިގެން 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދެވޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކެފޭ/ ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނަސް، އެޗްޕީއޭއިން އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ލުޔެއް ނުދެއެވެ. އެގޮތުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް އިންޖީނުލީ އުޅަނދު ދުއްވުން އަދިވެސް މަނާކޮށްފައިވާއިރު، ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.

މީގެއިތުރުން މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން ވަނީ މަނާ ކޮށްފައެެވެ. އަދި މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ  މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން