ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
ލޮލުގައި އަތް އަޅާ، ރާއްޖެ ބަލިން ސަލާމަތްވެއްޖެއޭ ބުނުން މަޖާ ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނުގެ ދަރިކަލުން ދުންޔާ މައުމޫން މިހެން ވިދާޅުވީ، މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ދުންޔާ ވިދާޅުވީ ކުޑައިރު ފީކޯތް ކުޅުން އިރު، އަމިއްލަ ލޯމަތީ އަތް އަޅައިގެން ފިލާ ހަދަން ވަރަށް މަޖާ ކަމަށެވެ.

ކުޑައިރު އެކަން މަޖާވި ނަމަވެސް، ރާއްޖޭގައި ދުވާލަކު 100 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވާއިރު، މިކަމުން ސަލާމަތް ވުމަށް ސިޔާސީ ލީޑަރުން ލޮލުގައި އަތް އަޅާ ރާއްޖެ ބަލިން ސަލާމަތްވެއްޖެއޭ ބުނުން މަޖަލެއް ނޫން ކަމަށް ދުންޔާ ވިދާޅުވިއެވެ.



މީގެއިތުރުން ދުންޔާ ވިދާޅުވީ، އެހެންގައުމުތަކެކޭ އެއްފަދައިން ފިޔަވަޅުތަށް ހަރުކަށިކުރެވޭނީ ވިޔަފާރިތަކަށާއި، ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން މިވަގުތު އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ.

ދުންޔާ މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮވިޑް-19 އާއި ގުޅިގެން ހޮޓާ ކެފޭ ރެސްޓޯރެންޓްތަކަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމަށް ގޮވާލައްވާފަައެވެ. މީގެ އިތުރުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭގެ އިސްވެރިން މިއަދު ވަނީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށް ހަދާފައެވެ. މިއަދުގެ ކޮމިޓީ ބައްދަލު ވުމުގައި މެންބަރުން ޞިއްހީ ދާއިރާގެ އިސް ފަރާތްތަކަށާއި އެޗްޕީއޭގެ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.

މިހާރު އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިދީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާމެދު މެންބަރުން އެޗްޕީއޭގެ ވެރިންނަށް މިއަދުވެސް ސުވާލުތައް އަމާޒުކުރަށްވާފައި ވާއިރު އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ހާލަތު އަދި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭ ހާލަތެއްގައި ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަލިބެ

29-Mar-2021

"ރާއްޖެ ބަލި" ކިޔާ ބައްޔެއް އޮވޭ. މި ދެ ލަފްޒުގެ ދެމެދުގައި ކޮމާއެއް ޖެހުން ރަގަޅުވާނެ. "ރާއްޖެ، ބަލިން"



ޓްރެންޑިން