ޗައިނާއިން ހަދިޔާކުރި ކޯވިޑް ވެކްސިން ބަލާދާން އެއްލައްކަ ޑޮލަރު ހޭދަކުރަން ޖެހުމަކީ ދެރަ ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ޗައިނާ ސަފީރަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ ދެލައްކަ ޑޯޒް ހަދިޔާކުރަން ނިންމާފައިވާއިރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގ ލިޖޮންގއަށް ޓެގް ކުރައްވާ ހޯމަ ދުވަހުގެރޭ އަނދުން ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ގެންނަން 100،000 (އެއްލައްކަ) ޑޮލަރަށް ފްލައިޓެއް ޗާޓަރު ކުރަން ޖެހޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ފްލައިޓެއް ޗާޓާ ކޮށްގެން ދެލައްކަ ޑޯޒް ވެކްސިން ގެންނަން ޖެހުމަކީ ދެރަވަރު ކަމެއް ކަމަށް އަދުން ހުސައިން ވިދާޅުވެފައި ވެއެވެ.

އަނދުން ހުސެއިން މިގޮތަށް ވިދާޅުވީ ކޮން ފަރާތަކުން ލިބިވަޑައިގެންނެވި މައުލޫމާތަކަށް ބުރަވެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ. ހުސްވި ހަފުތާގައި ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ މިފަދަ މައުލޫމާތު ތަކެއް ރިޕޯޓުކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މީޑިއަގައި ރިޕޯޓް ކުރި މިފަދަ މައުލޫމާތު ތަކާއި ގުޅިގެން ޗައިނާ ސަފީރުވެސް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. ސަފީރު ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުން ޗައިނާއިން ވެދިން އެ އެ ހަދިޔާއަކީ ހެޔިނިޔަތުގައި ވެދިން އެހީއެއް ކަމަށެވެ.





ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޓެގް ކުރަށްވައި އަނދުން ހުސައިން މިފަދަ ވާހަކައެއް ދައްކަވާފައި މިވަނީ މި ސަރުކާރުން ވަރަށް ޚާއްޞަ ގުޅުމެއް ބާއްވަމުން ގެންދާ އިންޑިއާއިން ދެފަހަރެއްގެ މަތިން ހަދިޔާކުރި ދެލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ފޯރުކޮށް ދީފައިވަނީ ވެސް އެގައުމުގެ ސަރުކާރުންކަން ހާމަކުރަށްވައި ޗައިނާ ސަރުކާރަށް ފާޑު ވިދާޅުވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ރައީސާއި ބައެއް މެންބަރުން މިފަދަ ކަންކަމުގައި އިންޑިއާއާއި ޗައިނާއާ ދެމެދު އަބަދުވެސް އަޅާ ކިޔައި ފާޑުކިޔަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ކުރީގެ ސަރުކާރުން ޗައިނާ މެދުވެރިކޮށް ހޯދާފައިވާ ލޯނު ތަކަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ސިފަ ކުރަށްވާފައެވެ.

އަނދުން ހުސައިން ކުރަށްވާފައިވާ މި ޓްވީޓަށް ރައްދު ދިން ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޗައިނާއިން އެހެން ގައުމުތަކަށް ހަދިޔާކުރި ވެކްސިން ވެސް ފޯރުކޮށްދިނީ އެގޮތަށް ކަމަށެވެ. އަދި އިންޑިއާ ފަދައިން ހިލޭ އެއްޗެއް ދީފައި އޭގެ ބަދަލު އެހެން ގޮތަކަށް ޗައިނާއިން އަތުނުލާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ޗައިނާއިން ދަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން