ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. ސައީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، އިންތިޚާބުގައި ވާދަކުރާ ބައެއް ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް ނުލިބޭކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކަމަކަށްވާއިރު، އިންތިޚާބުގެ މިނިވަންކަން ޔަޤީންކުރަން އެކޮމިޝަނުން މަސައްކަތް ނުކުރާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ހުށަހެޅުއްވި މައްސަލައިގައި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ރަށްރަށަށް ދަތުރުކޮށް ކެމްޕެއިންކުރުމަށް ފުރުޞަތުތައް ފަހިވެފައިވާއިރު، އިދިކޮޅު ފަރާތްތަކަށް އެފަދަ ފުރުޞަތެއް ނެތްކަން ސައީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވާ ހުރިހާ ކެނޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލައްވާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން މިގޮތަށް ސިފަކުރަނީ ސަރުކާރުން އަތޮޅު ތަކުގައި ހިންގާ އެކި މަޝްރޫޢުތަކާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ކައުންސިލް އިންތިޚާބަށް ވާދަކުރަށްވާ ބައެއް ކެނޑިޑޭޓުން ވެސް އެ ދަތުރު ތަކުގައި ބައިވެރިވެ ވަޑައިގެން އިންތިޚާބުގެ ކެމްޕޭން ކުރަށްވަމުން ގެންދަވާތީއެވެ.

މިއަދުގެ ޖަލްސާއަށް ހުށައެޅި މިމައްސަލަ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ މަޖިލީހަށް ބަލައިގަނެ، ބަހުސްކުރުމަށް ފާސްކޮށްފައެވެ.

މައްސަލައަށް ބަހުސްކުރެއްވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކެމްޕެއިންކުރުމަށް ފުރުޞަތު ނުލިބޭކަމަށް ބުނެ ދައްކަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން ކެމްޕެއިން ކުރާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި އެގޮތަށް ކެމްޕެއިންކުރަން ޕީޕީއެމަށް ނޭނގެނީކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވިއެވެ.



މައްސަލައަށް ބަހުސްކުރެއްވި އިދިކޮޅު މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށެވެ. އަދި ސަރުކާރުން ދަނީ އިދިކޮޅު ފަރާތްތަކަށް ޖެއްސުންކުރަމުން ކަމަށާއި، އެމައްސަލަ އިލެކްޝަންސްއިން ނުބަލާކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.



މަޖިލީހުގައި މިމައްސަލައަށް ބަހުސްކުރަން ފަށާފައި ވާއިރު، މައްސަލައަށް ބަހުސްކުރުމަށް ބޭނުންވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ދިނުމަށް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން