ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކަންކަން މަތީގައި، މައިކާ އެކުގައި ކުރިއަށް ނުގެންދެވޭތީ ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19ގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ބާއްވާއިރު، އެހެން އިންތިޚާބުތަކުގައި ކެމްޕެއިން ކުރިގޮތަަށް ކެމްޕެއިން ކުރުމުގެ ފަރުސަތު ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅު މަޖިލިސް މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. މަޖިލިސް ރައީސް ވިދާޅުވީ ކޯވިޑާއިއެކު ކެމްޕެއިން ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ. ރަށް ރަށަށް ވަޑައިގެން ބޮޑެތި ޖަލްސާތައް ބާއްވައިގެން ކެމްޕެއިން ކުރައްވަން އަބަދުވެސް ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެމްބަރުން އުސޫލުތަކުގެ ތެރެއިން ކެމްޕެއިން ކުރަން ރަށްރަށަށް ދާން ބޭނުންނަމަ އެކަން ހަމަޖައްސަން ކުރަންޖެހޭ ކަންކަން މަޖިލިސް ތެރެއިން ކުރައްވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި ކެމްޕެއިންގައި ކެމްޕެއިން ތަޤްރީރެއް ނުދެވޭ ކަމީ އަޅުގަނޑުވެސް ވަރަށް ހިތާމަކުރާކަމެއް. ވަރަށް ހިތަށް އަރާ ރަނގަޅަސް ކަންކަން މަތީގައި މައިކާއި އެކުގައި މިމަސައްކަތް ހިންގޭނަމައޭ. ތިވިދާޅުވާ ގޮތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ނަމައޭ. އެހެންނަމަވެސް ދަތިވެ މިއުޅެނީ މިކަން އަޅުގަނޑުމެން ކުރިއަށް ގެންދަން." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިމައްސަލަ ހުށަހެޅުއްވި އެންމެ ބޮޑު މަޤްސަދަކީ ޤާނޫނޫނު އަސާސީގެ 18 ވަނަ މާއްދާއިން ކަށަަވަރުކޮށްދޭ ހައްގުތައް ނުލިބުންކަމަށެވެ.



އެމްޑީޕީއާއި ރައީސް ނަޝީދަކީ ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރެވޭނެ ފުރުސަތު ހޯދައިދީ ހައްގުތަކަށް ވަކާލާތު ކުރި ބައެއްކަމަށާއި ނަމަވެސް މިއަދު ފެނިގެންދަނީ އެއްވެސް ހަމައެއް އުސޫލެއްނެތި އެމްޑީޕީއަށް އެކަނި ސިޔާސީ ހަރަކާތް ހިންގޭތަންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ މިމައްސަލާގައި ކެމްޕެއިނަށް ހަމަހަމަ ފުރުސަތު ހޯދާނެ ޖާގަ ތަނަވަސްކޮށް، އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރެވޭނެ މަގު ފަހިކޮށްދީ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކުން މިފަހަކަށް އައިސް އެންމެ ފުޅާކޮށް ހިންގާ ހަރަކާތަކީ މަގުމައްޗަށް ނުކުމެ އެކި މައުޟޫތަކުގައި މުޒާހަރާ ކުރުމެވެ. ނަމަވެސް އެޗްޕީއޭގެ މިންގަނޑުތައް އެކަމަށް ތަން ނުދޭ ކަމަށް ބުނެ ފުލުހުން ނުކުމެ އަންނަނީ އެ މުޒާހަރާތަކަށް ހުރަސް އަޅަމުންނެވެ. އެގޮތުން ކޮންމެ ހުކުރަކު ސިލްސިލާކޮށް ބާއްވަމުން އަންނަ އިދިކޮޅު އިއްތިހާދުގެ މުޒާހަރާތަކުން ގިނަ ބަޔަކު ހައްޔަރުކޮށް ކޮންމެ މީހަކު އެއްހާސް ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ވެސް އިދިކޮޅު އިއްތިހާދު ބޮޑެތި އަދަދު ތަކުން ޖޫރިމަނާކޮށް ސަރުކާރަށް ރަނގަޅު އާމްދަނީއެއް ހޯއްދަވައި ދެއްވަމުން ގެންދަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން