ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ޝިޔާމްގެ ޞިއްޚީ ހާލަތާއި ގުޅުވައިގެން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް މެމްބަރު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ މެމްބަރު ޝިޔާމް ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ ޝިޔާމަށް ގުޅުއްވައި ހާލު ބެއްލެވިކަމަށާ ކޮންމެ ދުވަހަކު މަގުމައްޗަށް ނެރެ މުޒާހަރާ ކުރުވައި ކަންކަން ކުރައްވަނީ މާވަށު ދައިރާގެ މެމްބަރު މުހައްމަދު ސައީދުގެ އެންގެވުމަށް ކަމަށް ޝިޔާމް ވިދާޅުވެފައިވާކަމުގައި ރާއީ ވިދާޅުވިއެވެ.

ރާއީގެ ވާހަކަތަކާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާތަނަށް އަދި ރާއީ ޝިޔާމަށް ގުޅުއްވާފައި ނުވާކަމަށެވެ. ނަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ މެމްބަރުން އޭނާއާއި ގުޅުއްވައި ހާލު ބައްލަވާފައިވާކަމަށެވެ. އަދި ހާލު ރަނގަޅުކަމަށް އެމީހުންނަށް ދަންނަވާފައިވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މަކުނުދޫ ދާއިރާގެ މެމްބަރު އަޚު މުހައްމަދު ރާއީ ދާދި ދެންމެއަކު މަޖިލިސް ތަޅުމުގައި ހެއްދެވީ ވަރަށް ބޮޑު އިތުރުފުޅެއް. ރާއީ އުޅުއްވަނީ އަދި އަޅުގަނޑަށް ނުގުޅުއްވިގެން. އެހެން ނަމަވެސް ވަރަށް ގިނަ އެމްޑީޕީ މަޖިލިސް މެމްބަރުން ގުޅުއްވާ ހާލު ބެއްލިވި. އަޅުގަޑުގެ ހާލު ވަރަށް ރަނގަޅު ކަމަށް ދެންނެވިން. "ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދެ ވަނަ މެންބަރެވެ. އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓީވްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ބަލީގައި އާޒިމަށް ވަރަށް ބޮޑުވަރުވި ކަމަށް ވިދާޅުވި ނަމަވެސް ޝިޔާމު ވިދާޅުވެފައިވަނީ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ޝިޔާމު އިއްޔެ ވިދާޅުވެފައިވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވީ ފުރާވަޑައިގަންނަވަން ވެގެން ހަތް ދުވަސް ކުރިން ހެއްދެވި ޓެސްޓަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން