ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށަށް ދާން ބޭނުންވާ މެމްބަރުންނަށް އެ ފުރުޞަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގެ ތެރޭގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރުން ބަހުސްކުރައްވަމުން ވަނީ އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން ރަށްރަށަށް ކެމްޕެއިންކުރަން ދަތުރުކުރަން ދަތިތަކެއް ހުރިކަން ފާހަގަކުރަށްވާފައެވެ. އަދި ގިނަ މެމްބަރުންތަކެއް އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރިއެވެ.

މެންބަރުންގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރަކު ކެމްޕެއިނަށް ރަށަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެމަނިކުފާނު އެކަމަށް އެހީތެރިވެދެއްވާނޭކަމަށެވެ.

"އިއްޒަތްތެރި މެމްބަރަކު ކެމްޕެއިނަށް ވަޑައިގަންނަވަން ވެއްޖެނަމަ އެކަމަށް މަޖިލީހުގައި އެދިވަޑައިގެންފިނަމަ އަޅުގަނޑަށް ވީ މިންވަރަކުން އިރާދަ ކުރެއްވިއްޔާ އެ މެންބަރަކު އެ މެންބަރެއްގެ ދާއިރާއަށް ފޮނުވައިދޭނަށް، އެކަމުގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނޫފެދޭ، އެކަން މި މަޖިލީހުން އިރާދަ ކުރެއްވިއްޔާ ކޮށްދޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެމްޕެއިނަށް ރަށްރަށަށް މެމްބަރުން ފޮނުއްވައިދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އެކަން ކުރައްވާނީ ކޮން އުސޫލަކުންކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ނުފޫޒު ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކަށް ނުލިބޭ ފުރުޞަތުތައް ބޭނުންކޮށްގެން ކެމްޕެއިން ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައިގައިވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، އިންތިޚާބުގައި ވާދަކުރާ ބައެއް ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް ނުލިބޭކަމަށާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކަމަކަށްވާއިރު، އިންތިޚާބުގެ މިނިވަންކަން ޔަޤީންކުރަން އެކޮމިޝަނުން މަސައްކަތް ނުކުރާކަމަށްވެސް ބުނެފައިވެއެވެ. އަދި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ރަށްރަށަށް ދަތުރުކޮށް ކެމްޕެއިންކުރުމަށް ފުރުޞަތުތައް ފަހިވެފައިވާއިރު، އިދިކޮޅު ފަރާތްތަކަށް އެފަދަ ފުރުޞަތެއް ނެތްކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ކިނބޫ

25-Mar-2021

ތި އުޅެވެނީ ދަލު ބޭރުން. ބާރެއް ލިބުމަކީ ނުބެހޭހާ ކަންތަކަށް ބޭނެންޖެހޭ ސަބަބެއް ނޫން. ދާދާ ހެދިގެން އުޅުމަކީ ތިމާގެ ނުފޯރާ ކަމާއި ނުކުޅެދުންތެރިކަން ފޮރުވަން ކޮށްއުޅޭ ޒާތު ކަންތައް.



ޓްރެންޑިން