އެމްޕީއެލް ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާތަކާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުލުހުންނަށް ފޮނުވަން އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާތަކާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ހިންގުމަށް މަޖިލީހުން ފުލުހުންނަށް ފޮނުވަން އަންގާފައިވަނީ މިމައްސަލަ ދިރާސާކުރި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ ރިޕޯޓުގައެވެ.

އެމްޕީއެލްގައި މި ފަހުން ހިނގި ދެ ހާދިސާއެއްގައި ކާޕެޓް ރޯލެއް ވެއްޓިގެން މަޖޫރީއަކު މަރުވިއިރު، ބިއްލޫރި ޕެލެއްޓެއްގައި ތާށިވެގެންވެސް ވަނީ މަޖޫރީއަކު މަރުވެފައެވެ.

މިމައްސަލަ ބެއްލެވި މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ މިކަމުގައި ބަޔަކު އިހުމާލުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި އެކަންކަން ފުލުހުން ބަލާ ތަހުޤީޤްކުރުމަށްފަހު، އެކަމާބެހޭ ރިޕޯޓް ކޮމިޓީއަށް ފޮނުވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

އެސްއޯއީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބަނދަރުގައި މަސައްކަތް ކުރުމަށް ގައިޑްލައިނެއް ހަދާފައިނުވާއިރު، އެމަސައްކަތް ކުރުމުގެ ކުރިން ހަދަންޖެހޭ ރިސްކް އެސެސްމެންޓްވެސް ހަދާފައެއް ނުވެއެވެ. މީގެއިތުރުން މަޖޫރީންނަށް ހެވީ ވެހިކަލް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ނެތްއިރު، ހެވީ ވެހިކަލް އޮޕަރޭޓްކުރާ ސިގްނަލް މޭންއެއްވެސް ނެތްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އެމްޕީއެލްގައި ހިނގި އެއް ހާދިސާގައި ކެރޭން އޮޕަރޭޓްކުރަން ހުރި މުވައްޒަފަކީ އެދުވަހު ޑިއުޓީއަށް ނުކުންނަން ޖެހޭ މުވައްޒަފަކަށް ނުވާއިރު އެ މުވައްޒަފު މަސައްކަތަށް ނުކުމެ 16 ގަޑިއިރު މަސައްކަތް ކޮށްފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމިޓީގެ ރިޕޯޓުގައި ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުންފުނީގެ ހިންގުން ހަރުދަނާކޮށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން