އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކުރީ ބްރިޖް ވިއު ޕްލެޓްފޯމާއި ގުޅުންހުރި މައްސަލަތަކެއްގައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕިއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އެޕާޓީގެ ނާއިބް ރައީސް ޑރ. މުހަންމަދު މުއިއްޒު މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. އެކޮމިޝަނަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ އޭސީސީއަށް ހާޒިރުކުރީ ކުރީގެ ސަރުކާރުގައި މާލޭގައި ތަރައްގީ ކުރި ބްރިޖު ވިއު ޕްލެޓްފޯމާއި ގުޅިގެން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއިއެކު ހެދި އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި ގުޅޭގޮތުންނާއި އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކަށް ގެނައި ބަދަލުތަކަކާއި ގުޅިގެން ކަމަށެވެ.

އޭސީސީއަށް ހާޒިރު ކުރެއްވުމުގެ ކުރިން މައްސަލައިގެ ތަފްސީލު ދެއްވާފައި ނުވާތީ ވަކީލަކު ހޯއްދަވަން ފުރުސަތަކަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން މާދަމާ ހެނދުނު 10:25 ގައި އަނެއްކާވެސް ވަކީލަކާއިއެކު ޖަވާބުދާރީވާން އޭސީސީއަށް ވަޑައިގަތުމަށް މުއިއްޒު ވަނީ ނިއްމަވާފައެވެ.

ޑރ. މުއިއްޒު މިއަދު ވެސް ވިދާޅުވީ އޭނާ އޭސީސީ އަށް ހާޒިރުކުރީ "ސިޔާސީ" ބޭނުމެއްގައި ކަމަށެވެ. އޭނާގެ މައްސަލަ އެއް އޮތްނަމަ މީގެ ކުރިން އެމައްސަލަ ނުބެލީ ކީއްވެތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

މުއިއްޒު ވިދާޅުވީ އޭނާ އަށް ތުހުމަތުކުރެވޭ މައްސަލައިގައި ހަނު ނުހުންނަވާނެ ކަމަށާއި، މައްސަލަ އަށް ފުރިހަމަ އަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށެވެ. މުއިއްޒު މިއަދު އޭސީސީ އަށް ހާޒިރުކޮށްފައިވާއިރު މަޖިލީހަށް ދޮގު މައުލޫމާތު ދިން މައްސަލަ އެއްގައި މިހާރު ވަނީ ދައުވާ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން