ބައެއް ފާމަސީތަކުން އަގުދަށް ބޭސް ދޫކުރުމަށްފަހު، އަގުބޮޑު ބޭހަށް ބިލްކުރާކަން ފާހަގަކުރެވިފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަގުދަށް ބޭސް ދޫކުރުމަށްފަހު އަގުބޮޑު ބޭހަށް ބިލުކުރުމުގެ އިތުރުން 3 މަސްދުވަހަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ސިޓީއަށް 2 މަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، 3 މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުންފަދަ އޮޅުވާލުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައިވާކަމަށްވެސް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ "ވިނަވި" ޕޯޓަލް އެޕްލިކޭޝަނުން ކޮންމެ ރައްޔިތަކުވެސް ހޯދާ ޚިދުމަތްތަކާއި ނަގާފައިވާ ބޭސްތައް ޗެކްކުރެވޭނެކަމަށެވެ. އަދި ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާނަމަ އެޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ، ސްކީމްގެ ޚަރަދުކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާކަމަށާއި، މިހާރުވެސް މިފަދަ އެތައް ބޭހެއް ހަމަ އަގަށް ގެނައުމަށްޓަކައި ބޭސް އެތެރެކުރާ ފަރާތްތަކާ މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އާސަންދައިގެ ބަޔާނުގައި އެއް ބޭހެއް އެކި ބޭސްފިހާރަތަކުން އެކި އަގުގައި ވިއްކަމުންދާ މައްސަލަ ހައްލުކުރުމުގެ މަޤްޞަދުގައި، ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި ކަނޑައެޅުނުކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އޮކްޓޫބަރު 2019 ގައި، އޭރު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތްދެމުންދިޔަ ހުރިހާ ބޭސްފިހާރައެއްގެ އެގްރީމެންޓް އާކޮށް ސޮއިކުރުމާއެކު، އެއް ބޭހެއް އެކި ބޭސްފިހާރައިން އެކި އަގުގައި ސްކީމްގެ ދަށުން ދޫކުރުމުގެ ބަދަލުގައި، ކޮންމެ ބޭސްފިހާރައަކުންވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއްއަގަކަށް ކަމަށް ހަމަޖެހިގެންދިޔަކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

އަގުބޮޑު ބޭސް ދޫކޮށްފައި އަގު ބޮޑު ބޭހަށް ބިލު ހަދާ ކަމަށް އާސަންދައިން ބުނެފައި ވާއިރު ފާމަސީތަކާބެހޭ އަމިއްލަ ޖަމިއްޔާއަކުން މިހަފުތާގައި ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަގުދަށް ދެރަ ބޭސްތައް ދިވެހި ރައްޔިތުންނަށް ވިއްކަން އާސަންދައިން މަޖުބޫރު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން