ތިން ވައްތަރެއްގެ ކޮތަރު ހިމެނޭގޮތަށް 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިބާވަތްތައް ހިމާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ.

ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި ރާއްޖޭގެ މާޙައުލުން ޢާއްމުކޮށް ފެންނަ ދޫނިތަކާއި ވަރަށް މަދުން ނޫނީ ނުފެންނަ އަދި ހިޖުރަކުރާ ދޫނިތައްވެސް ހިމެނެއެވެ. އޭގެތެރޭގައި 3 ވައްތަރެއްގެ ކޮތަރާއި، ފިނދަނަ، ކިރުދޫނި، ބަކަމޫނު، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރުފަދަ ދޫނި ހިމެނެއެވެ.

އެންވަޔަރަމަންޓް މިިނިސްޓްރީން ބުނީ މި ދޫނިތައް ޙިމާޔަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ޤުދުރަތީ މާޙައުލުގައި ވަރަށް މުހިންމު ދިރުންތަކަކަށްވުމާއެކު، އެތަކެތީގެ އާބާދީއަށް ގެއްލުން ލިބިދާނެފަދަ އެންމެހާ ކަންތައްތައް ހުއްޓުވުންކަމަށެވެ. އަދި ރާއްޖެއަކީ ހިޖުރަކުރާ ދޫނީގެ ވަގުތީ މަންޒިލަކަށް ވީހިނދު ރާއްޖެއަކީ އެ ދޫނިތަކަށް ރައްކާތެރި މަންޒިލެއްކަން ޔަގީންކޮށްދިނުމަކީވެސް ދޫނިތައް ހިމާޔަތްކުރުމުގެ ބޭނުމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

104 ބާވަތެއްގެ ދޫނި ހިމާޔަތްކުރަން ނިންމުމާއެކު ޤާނޫނުގެ ދަށުން އެތަކެތި މެރުން، ބޭނުންކުރުން، ދިރުވައި އާލާކުރުން، ހިފުމާއި، ގެންގުޅުމާއި ގެއްލުންދިނުން، އަދި ގޯނާކުރުމަކީ މަނާކަމެކެވެ. އަދި ޙިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުންދިނުން، އަދި އޭގެ ޠަބީޢީ ގޮތްތަކަށް ނުވަތަ ޤުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ ޢަމަލެއްކުރުމަކީވެސް މަނާކަމެއްކަމަށެވެ. މީގެ އިތުރުން ޙިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ ތަކެއްޗާއި، އެތަކެތީގެ ބައިތައް އިސްތިހާރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

104 ބާވަތެއްގެ ދޫނި އެންވަޔަރަމަންޓް މިނިސްޓްރީން ޙިމާޔަތްކޮށްފައިވާއިރު، ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ޤަވާއިދަށް މިދިޔަމަހު ވަނީ ޢަމަލުކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން