މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދޭތީ އެމްޑީޕީ އެކަމުން ސަލާމަތްކުރުމަށް ރައީސް މުހައްމަދު ނަޝީދު ހުރިހާކަމެއް އަޅުއްވަނީ ރައީސް މައުމޫންގެ އިސްތަށިފުޅުގައި ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ދިމާވި ދައްޗަކީ އެމްޑީޕީގެ ސިޔާސަތުތަކާއި ދުރު ރައީސް މައުމޫންގެ ވަޒީރަކަށް އެ މަޤާމު ލިބުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރަށް ރައްޔިތުންނަަށް ވެ ވަޑައިގެންނެވި ވަޢުދުތައް ނުފުއްދޭތީ އެމްޑީޕީ ސަލާމަތްކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އިސްތަށިފުޅުގައި ކަންކަން އަޅުއްވަމުން އަންނަކަމަށެވެ. އަދި މިހާރު ސަރުކާރު ކޯލިޝަން ފެއިލްވަމުން އަންނަކަމަށާ ރައްޔިތުންގެ ތާއީދު އޮތީ ޕީޕީއެމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރުގެ ވަޢުދު ނުފުއްދޭތީ އެމްޑީޕީ ސަލާމަތްކުރަން ރައީސް ނަޝީދު ކުރައްވާ ކަމަކީ ރައީސް މައުމޫން ބޮލަށް ތުޅާ ފެތުރުން. ކޯލިޝަން ސަރުކާރު ދަނީ ފެއިލްވަމުން. ރައްޔިތުން އޮތީ ޕީޕީއެމަށް." އާދަމް ޝަރީފް ވިދާޅުވިއެވެ.

މިސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރ އާމިނަތު އާޠިފާ ވަޒީރުކަމުގައި ހުންނެވީ ރައީސް މައުމޫނަށް ނުވަތަ އެމްއާރްއެމްއަށް ސަރުކާރު ކޯލިޝަނުން ލިބުނު ސްލޮޓެއްގައެވެ. އެކަމަނާ ވަޒީރުކަމުން އިސްތިއުފާދެއްވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހައުސިން މިނިސްރީ، ޕްލޭނިން މިނިސްޓްރީއާއި އެއްކޮށްލާ ޕްލޭނިން މިނިސްޓަރަކަށް އެމްޑީޕީގެ މުޙައްމަދު އަސްލަމް ހަމަޖައްސަވާފައެވެ.

މިސަރުކާރުން ވަޢުދުވެފައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ހިޔާ މަޝްރޫއުގެ ފްލެޓް ތަކުން ބައެއް އުނިކުރުމުގެ މައްސަލައިގައިވެސް ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒު ވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މިއަހަރު މާލެ ސަރަހައްދުގައި 5 ހާސް ހައުސިން ޔުނިޓް ޢިމާރާތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ވައުދުވެފައިވަނީ 20 ހާސް ހައުސިން ޔުނިޓް ޤާއިމްކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން