ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ ހައުސިންގ މިނިސްޓަރ އާތިފާ ޝަކޫރު މިނިސްޓަރުކަމުން ދުރަށްޖެހިވަޑައިގަތުމަކީ "ދަންތުރަ" އަކުން ސަލާމަވްވުންފަދަ ކަމެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވާހަކަފުޅުދެއްކެވީ އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރެއްވިއެވެ. އަދި އެމައްސަލަ ހައްލުކުރުމަށް އަބަދުވެސް އެމްޑީޕީން ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޞާލިހުގެވެސް އަމާޒެއްކަމަށާއި ނަމަވެސް އެމަސައްކަތް ކާމިޔާބުނުވީ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ހައުސިންގ މިނިސްޓްރީ ހަވާލުކުރެވުނު ބޭފުޅެއްގެ ގޮތުންކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ހައުސިން މިނިސްޓްރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ހަވާލު ކުރުމަކީ "ދަންތުރަ" އެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

"މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިދިޔައީ އެމްއާރުއެމްގެ ބޭފުޅަކު، ރައީސް މައުމޫންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އޮތް ތަސައްވުރެއް. އަދި ހިނގާންޖެހޭ އިޖުރާއަތްތަކެއް.. މާކުރީގައި ވެސް ބަޔާންކުރި، މާ ސާފުކޮށް ކިޔާދިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ނެގި އެ 'ދަންތުރަ'އިން އަރައިގަތުމަށް. އިރާދަކުރައްވައިގެން ހައުސިން މިނިސްޓަރު ބަދަލުވެއްޖެ" ނަޝީދު ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވުމުގެ ޒިންމާ މައުމޫންގެ އެމްއާރުއެމްގެ ބޮލުގައި ނަޝީދު އެޅުވިއިރު، ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކަމަށް ވިދާޅުވެ ހައުސިންގ މިނިސްޓަރުކަމުން އާތިފާ ވަނީ މިދިޔަ އަހަރުގެ 10 ޖޫންގައި ކުއްލި ގޮތަކަށް އިސްތިއުފާދީފައެވެ. ނަމަވެސް އޭރުވެސް ގިނަ ބަޔަކު ދިޔައީ އެކަމުގެ ފަހަތުގައި އެހެން ކަންތައްތަކެއް ހުންނާނެކަމަށް ބުނަމުންނެވެ.

ރައީސް ނަޝީދު އެމްއާރުއެމްއަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައިވާއިރު، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދަނީ އެމްއާރުއެމްގެ ފަރާތުން ކެބިނެޓުގައި އިންނަވާ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޤާމުން ވަކިކުރުމަށް ގޮވާލަމުންނެވެ. އަދި ދޭތެރެދޭތެރެއިން އެކަމަނާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްވެސް ހަދައެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ވަނީ ފިޝަރީޒް މިނިސްޓަރ ޒަހާއަށް ސަރުކާރުގެ އިތުބާރު އެބައޮތްކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން